އަންނަ މަހު އައްޑޫގައ ބާއްވަން ނިންމާފައިވާ "ބެޑްމިންޓަން ފިއެސްޓާ" ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި އެވެ.
މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވާން ދިން ވަގުތު ހަމަވީ މިއަދު މެންދުރު ފަހު 2:00 އެވެ. ނަމަވެސް އައްޑޫ ސިޓީ ކައުންސިލުން ބުނީ ރަޖިސްޓްރީވުމުގެ މުއްދަތު މިހާރު އަންނަ މަހުގެ 2 ވަނަ ދުވަހު މެންދުރު ފަހު 2:00 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އައްޑޫ ބެޑްމިންޓަން ފިއެސްޓާ" އޮންނާނީ އަންނަ މަހުގެ 16 ގައި ހިތަދޫ ޔޫތު ސެންޓަރުގެ ބެޑްމިންޓަން އެރީނާގަ އެވެ.
ކައުންސިލުން ބުނީ މިއީ ޒުވާނުންގެ މެދުގައި އެއްބައިވަންތަކަން އަށަގަނުވައި ކުޅިވަރުގެ ރޫޙު އާލާކޮށް އައްޑޫގައި ހުނަރުވެރި ބެޑްމިންޓަން ކުޅުންތެރިން އުފައްދައި ވާދަވެރި މާހައުލެއްގައި އެ ކުޅުންތެރިންނަށް ކުޅުމުގެ ފުރުސަތު ހޯދައި ދިނުމުގެ މަގުސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.
އައްޑޫގައި ބެޓްމިންޓަން ފިއެސްޓާއެެއް ބާއްވަން ނިންމި އިރު، ބެޑްމިންޓަން އަކީ އައްޑޫގެ އެކި އުމުރުފުރާތަކުގެ މެދުގައި މިހާރު ވަރަށް މަގުބޫލު ކުޅިވަރަކެވެ.