Last Updated: June 8, 20:40
Monday, June 8, 2026
މުނިފޫހިފިލުވުން

ރަންވީރުގެ ޒޮމްބީ ފިލްމަކީ "ޕްރަލޭ"

ބޮލީވުޑްގެ ތަރި، ރަންވީރު ސިންގް ސޮއިކޮޮށްފައިވާ ޒޮމްބީ ފިލްމުގެ ނަމަކީ "ޕްރަލޭ" ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން މިއަދު ބުނީ އެޕްލޯސް އެންޓަޓައިންމަންޓަށް ޖޭ މެހެތާ ޑައިރެކްޓްކުރަން ހަމަޖެހިފައިވާ މި ފިލްމުގެ ޝޫޓިން ފަށާނީ އަންނަ އަހަރުގެ މެދު ތެރޭގައި ކަމަށެވެ. އެއީ އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށަން ތާވަލުކޮށްފައިވާ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ "ޑޮން 3" ގެ މަސައްކަތް ރަންވީރު ނިންމައިލުމަށް ފަހު ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ޕިންކްވިލާ އިން ބުނީ "ޕްރަލޭ" އަކީ ޝޫޓިން ފެށުމުގެ ކުރިން ވަރަށް ގިނަ ތައްޔާރީތަކެއް ވާން ޖެހޭ ޕްރޮޖެކްޓަކަށްވާތީ ޖޭ އާއި އޭނަގެ ޓީމުން އެ ތައްޔާރީތައް ބާރަށް ވަމުން އަންނަ ކަމަށެވެ.

މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯންގެ ފިރިމީހާ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ މި އަހަރުގެ ޑިސެންބަރު 5 ގައި ގެނެސްދޭން ތާވަލުކޮށްފައި އޮތް ޑައިރެކްޓަރު އަދިތިޔާ ދާރްގެ ސްޕައި އެކްޝަން ތުރިލާ "ދުރަންދާރް" އެވެ. ބަތަލާ ޔާމީ ގޯތަމްގެ ފިރިމީހާ ގެނެސްދޭ މި ފިލްމަކީ ވިކީ ކޯޝަލަށް އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑް ލިބުނު 2019 ގެ "އުރީ: ދަ ސާޖިކަލް ސްޓްރައިކް" އަށް ފަހު، ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ.

ރަންވީރު ޒޮމްބީ ފިލްމަކަށް އެއްބަސްވި އިރު، މި ޖޯންރާ އަކީ އިންޑިއާ ސިނަމާ އަށް ވަރަށް ބީރައްޓެހި ޖޯންރާއެކެވެ. ޒޮމްބީ ފިލްމެއްގެ ގޮތުގައި އިންޑިއާ އިން މިހާތަނަށް ގެނެސްދިން އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ސައިފް އަލީ ޚާންގެ 2013 ގެ "ގޯ ގޯއާ ގޯން" އެވެ.

"ޕްރަލޭ" ގެ ޑައިރެކްޓަރު ޖޭ އަކީ ކުޅަދާނަ ޑައިރެކްޓަރު ހެންސަލް މެހެތާގެ ދަރިއެކެވެ. އޭނަގެ ފުރަތަމަ ޑައިރެކްޝަނަކީ މި އަހަރުގެ މާޗްގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ގެނެސްދިން 8 އެޕިސޯޑްގެ އެކްޝަން ޑްރާމާ "ލުޓޭރޭ" އެވެ.