Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ގާތްތިމާގެ ގުޅުން ދެމެހެއްޓުމުން ލިބޭ ފައިދާ!

ރަޙިމްގެ ގުޅުމޭ ބުނެވޭ ބަހުގެ މާނަ އަކީ:

ގާތްތިމާގެ މީހުންނާއި އެކު ގުޅުންބަދަހި ކުރުމެވެ. އެކަކުއަނެކަކުގެ ޙާލު އަޙްވާލުބަލާ، ހިނިތުންވުމާ އެކުގައި ބައްދަލުކޮށް، އެކަކު އަނެކަކަށް ޒިޔާރަތްކޮށް، ހަދިޔާބަދިޔާ ބަދަލުކޮށް، މާ ލީގޮތުންނާއި އެ ނޫން ވެސް ގޮތްތަކުން އެހީތެރިކަން ފޯރުކޮށް ދިނުމެވެ.

އަލްއިމާމް ގުރްޠުބީ–ރަޙިމަހުﷲ- ވިދާޅުވިއެވެ. ”ރަޙިމް ގެ ގުޅުން ބޭއްވުމާއި އެގުޅުން ކަނޑާލުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެއްކަމަށް އުއްމަތުގެ އެންމެން އެއްބަސްވެއެވެ”.
(ليس الواصل بالمكافئ ، ولكن الواصل الذي إذا قطعت رحمه وصلها) رواه البخاري (5645)

ރަޙިމްގެ ގުޅުން ބޭއްވުމަކީ ވާޖިބުކަމެއްކަމަށް ދަލީލު ކުރާ ދަލީލުތައް:

ﷲ ވަޙީކުރެއްވި އެވެ. (فهل عسيتم إن توليتم أن تفسـدوا في الأرض وتقطِّعوا أرحـامكـم، أولئك الذين لعنهم الله فأصمهم وأعمى أبصارهم). މާނައަކީ: “ފަހެ އެހިނދު، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ، ކުރިޔެކޭވެސް އެއްގޮތަށް ތިޔަބައިމީހުން ބިމުގައި ފާސިދުކޮށް، އަދި ތިޔަބައިމީހުންގެ މެދުގައިވާ ތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ގާތްކޮށްފީމުއެވެ. އެބައިމީހުންނަށް މާތް ﷲ ލަޢުނަތްލައްވައި، އަދި އެބައިމީހުންގެ ކަންފަތްތައް ބީރުކުރައްވައި، އަދި ލޯތައް ކަނުކުރައްވައިފައިވާ މީހުންނަކީ، އެބައި މީހުންނެވެ”.

ރަސޫލުﷲ -ޞައްލަﷲ އަލައިހި ވަސައްލަމްގެ ކިބައިން ޢާއިޝާ-ރަޟިޔަﷲ ޢަންހާ-ރިވާކުރެއްވިއެވެ. “ރަޙިމްގެ ގުޅުމަކީ ރަޙްމާންވަންތަ ﷲ ތަޢާލާ އާއި ގުޅިފައިވާކަމެކެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ރަޙިމްގެ ގުޅުންގާއިމްކޮށްފި މީހަކަށް ތިމަންﷲ ގުޅުން ގާއިމްކޮށްދެއްވާހުށީމެވެ. އަދި އެގުޅުން ކަނޑައިފި މީހެއްގެ ގުޅުން ކަނޑުއްވާ ހުށީމެވެ”.

«لَا يَدْخُلُ الْجَنَّةَ قَاطِعٌ»

ގާތްތިމާގެ ކަމުގެ ގުޅުން ކަނޑާމީހާ ސުވަރުގެ ނުވަންނަ ހުއްޓެވެ.

ރަޙިމްގެ ގުޅުން ދަމަހައްޓާ ފަރާތްތަކަށް ދުނިޔެ އާއި އާޚިރަތުގައި ދެއްވާ ޘަވާބާއި ދަރުމަ:

ރަޙިމްގެ ގުޅުން ދަމަހައްޓާ ފަރާތްތަކަށް ދުނިޔެ އާއި އާޚިރަތުގައި ދަރުމަ އާއި ޘަވާބު ދެއްވާނެ ކަން ވަނީ އަންގަވާފަ އެވެ.

ދުނިޔޭގައި ލިބޭ ކަންތަކުގެ ތެރޭގައި:

* ދުނިޔެ އާއި އާޚިރަތުގައި ވެސް މާތް ﷲ އެފަރާތަކާއި ގުޅުން ގާއިމް ކުރައްވާނެކަން
* އެ މީހެއްގެ ޢުމުރު ދިގުކުރައްވާނެކަން
* ދުނިޔެ އާރާސްތުކުރުމުގެ ފުރުޞަތު ދެއްވާނެކަން
* ﷲ ގެ ލޯބިލިބޭނެކަން
* އަހުލުވެރިންގެ ލޯބި ލިބޭނެކަން

އާޚިރަތުގައި ލިބޭ ދަރުމަ އާއި ޘަވާބުގެ ތެރޭގައި:

ރަޙިމްގެ ގުޅުން ބާއްވާ ފަރާތްތަކަށް މާތް ﷲ ސުވަރުގެ ދެއްވާނެކަން ހިމެނެ އެވެ. އަބޫއައްޔޫބުލް އަންޞާރީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. “މީހަކު ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- އަށް ދެންނެވިއެވެ. ތިމަންނާ ސުވަރުގެ އަށް ވަންނާނެ ކަމެއް ބުނެދެއްވާށެވެ. ކީރިތި ރަސޫލާ-ޞައްލަﷲ އަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވި އެވެ. “ﷲ އަށް އަޅުކަން ޚާލިޞްކޮށް، އެކަލާންގެ އާއި އެކު އެއްވެސްފަރާތެއް ބައިވެރިނުކުރާށެވެ، އަދި ނަމާދު ގާއިމް ކުރާށެވެ، އަދި ޒަކާތް ދޭށެވެ، އަދި ރަޙިމް ގެ ގުޅުން ދަމަހައްޓާށެވެ."

(من أحب أن يبسط له في رزقه وينسأ له في أثره فليصل رحمه)

”އެމީހެއްގެ ރިޒުޤު އިތުރުވުމަށް އެދޭމީހާ އަދި އެމީހެއްގެ އުމުރު ދިގުވަން އެދޭ މީހާ ގާތް ތިމާގެ ކަމުގެ ގުޅުން ދަމަހަޢްޓާށެޥެ.” ޞަޙީހުލް ބުޚާރީ

ރަޙިމްގެ ގުޅުންކަނޑާ ފަރާތްތަކަށް ދުނިޔެ އާއި އާޚިރަތުގައި ދެއްވާ ބައެއް ޢުގޫބާތްތައް:

ދުނިޔޭގައި:

އޭނާގެ އެއްވެސް ޢަމަލެއް މާތް ﷲ ގެ ޙަޟްރަތަށް ނުއުފުއްލަވާކަން، އަދި ގަބޫލު ވެސް ނުކުރައްވާނެކަން، އަބޫހުރައިރާ- ރަޟިޔަﷲ ޢަންހު- ވިދާޅުވި އެވެ. ކީރިތި ރަސޫލާ- ޞައްލަﷲ އަލައިހިވަސައްލަމަ- ޙަދީޘް ކުރައްވާތީ އެއްސެވީމެވެ. “ހަމަކަށަވަރުން އާދަމުގެ ދަރިންގެ ޢަމަލުތައް ކޮންމެ ހުކުރުވިލޭރެއަކު މާތް ﷲ ގެ ޙަޟްރަތަށް އުފުއްލަވަ އެވެ. އެހެން ނަމަވެސް ރަޙިމްގެ ގުޅުން ކަނޑާ މީހެއްގެ އެއްވެސް ޢަމަލެއް މާތް ﷲ ގަބޫލެއް ނުކުރައްވާނެ އެވެ.

މަސްދަރު: އިލްމު.އެމްވީ