Last Updated: June 8, 20:40
Monday, June 8, 2026
ދުނިޔެ

އިންޑޮނީޝިއާގެ ސްކޫލެއް ވެއްޓި ބަޔަކު މަރުވެއްޖެ

އިންޑޮނީއާގެ ސްކޫލެއް ވެއްޓި ތިން މީހަކު މަރުވެ، ޒަހަމްވި ގިނަ އަދަދެއްގެ ބަޔަކަށް ފަރުވާ ދޭން ފަށައިފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވެއްޓިފައި ވަނީ އީސްޓް ޖާވާގެ އަލް ހޮޒިނީ އިސްލާމިކް ބޯޑިން ސްކޫލެވެ. މި ހާދިސާގައި ތިން މީހަކު މަރުވެފައިވާ އިރު، ޒަހަމްވި 99 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ބައެއް މީހުންގެ ހާލު ވެސް ވަރަށް ދެރަ ކަމަށް ކަމާބެހޭ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

އެހެންވެ މަރުވާ މީހުންގެ އަދަދު އިތުރު ވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.

ވެއްޓުނު ސްކޫލްގެ އިމާރާތުގެ ދަށުގައި ދަރިވަރުންތަކެއް ތާށި ވެސް ވެފައިވާތީ ކަމާބެހޭ ފަރާތްތަކުން އަންނަނީ އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިންޑޮނީޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އިދާރާއާ ހަވާލާދީ މީޑިއާތަކުން ދެ ބުރީގެ ސްކޫލް ވެއްޓެން ދިމާވީ އެ އިމާރާތަށް އިތުރު ދެ ފަންގިލާ އިތުރު ކުރަމުގެ މަސައްކަތްތަކެއް ކުރަމުން ދަނިކޮށް ކަމަށެވެ. އަދި އިމާރާތް ވެއްޓެން ދިމާވީ ބިންގަލާ އެކަށީގެން ނުވާ ވަރަށް އިމާރާތަށް ލޯޑު ބޮޑުވެގެން ކަމަށް ވެސް ބުނެފައިވެ އެވެ.

އަލް ހޮޒިނީ އިސްލާމިކް ބޯޑިން ސްކޫލަކީ އުމުރުން 12-17 އަހަރާ ދެމެދުގެ ކުދިން ކިޔަވާ ސްކޫލެކެވެ.