ކޮރަޕްޝަން ހުއްޓުވޭނީ ކޮރަޕްޓް މީހުންގެ މައްޗަށް ގާނޫނު ތަންފީޒުކޮށްގެން ކަމަށާއި އެކަން މި ސަރުކާރުން ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިހުސާން ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަށް އެންމެ ރަނގަޅު ގޮތަކީ ޒިންމާދާރު މަގާމުތަކުގައި ތިބޭ އިރު ކޮރަޕްޝަން ހުއްޓުވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުން ކަމަށްވާއިރު އެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"މި ފުރުސަތު ފާއިތުވި 15 އަހަރު ލިބި، މިކަން ނުކޮށް ސިޔާސީ އިދިކޮޅު ފަރާތްތަކުން މިއަދު މަގުތަކަށް މީހުން ނެރެެން މިކުރަން އުޅެނީ ކޮން ކަމެއްތޯ ރައްޔިތުން ވިސްނާލަންޖެހޭ،" އިހުސާން ވިދާޅުވި އެވެ.
އިހުސާން ވަނީ އިދިކޮޅުގައި މިއަދު ތިބި ބޭފުޅުން މަގާމުތަކުގައި ތިބިއިރު ކޮރަޕްޝަން ހުއްޓުވަން ކުރެއްވީ ކޮން ކަމެއްތޯ ވެސް ސުވާލުކުރަންޖެހޭ ކަމަށްވެސް ވިދާޅުވެފަ އެވެ.
އިހުސާން މިހެން ވިދާޅުވިއިރު، އެމްޑީޕީ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރަށް ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 4 އަހަރަށް ޖަލަށްލާން ދާދިފަހުން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.