Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

ޔޯގާ ކްލާސްތައް ނުހިންގަން އިލްމުވެރިންގެ ގުޅުމުން ގޮވާލައިފި

ޔޯގާ ކުލާސްތަކާއި ޕުރޮގުރާމުތައް ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ނުކުރުމަށް އިލްމުވެރީންގެ ގުޅުމުން ގޮވާލައިފި އެވެ.

ކަސްރަތު ކުލާސްތަކާއި ސުޓޫޑިއޯ ފަދަ ތަފާތު ނަންނަމުގައި، ޔޯގާއާ ގުޅޭ ކަންކަން ހިންގުން ކުށްވެރިކޮށް އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ ޔޯގާގެ ހަގީގަތާއި އޭގެ ހުކުމަކީ ކޮބައިކަން ބެލުމަށްޓަކައި ރާއްޖޭގެ ޢިލްމުވެރިންގެ ފަރާތުން ކޮށްފައިވާ ދިރާސާއިން އެނގެން އޮތްގޮތުގައި، ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫދީނުގެ އަޅުކަމެއް ކަމާއި އެއީ ޝިރުކުގެ އަމަލެއް ކަމަށެވެ.

ކަސްރަތުގެ ގޮތުގައި، ނުވަތަ އެނޫން ގޮތަކަށް ވެސް ޔޯގާ ހެދުމަކީ ޙަރާމް ކަމެއް ކަމަށާއި އެކަމާ ގުޅޭ ދިރާސާއިން ހާމަވީ ކަންކަމާ މެދު ރާއްޖޭގެ 104 އިލްމުވެރިން އެއްބަސްވެވަޑައިގެން އެކަން ބަޔާންކޮށްދިނުމުގެ ގޮތުން އިލްމުވެރިންގެ ގުޅުމުގެ ފަރާތުން އެކަން އާންމުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.

އަދި ޔޯގާގެ ހަރަކާތްތައް ހުއްޓުވައި ދިނުމަށް އެދި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ފޮނުއްވާފައިވާ، ސިޓީގައި ވެސް ޔޯގާއަކީ އިސްލާމީ ޝަރިއަތާ ޚިލާފު ކަމެއްކަމާއި ޙަރާމް ކަމެއްކަން ބަޔާން ކޮށްފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

"އިސްވެ ދެންނެވުނު ފަދައިން ޝިރުކުގެ އަމަލެއް ކަމުގައިވާ ޔޯގާއާ ގުޅޭ އެއްވެސް ކަމެއްގައި އެއްވެސް މިންވަރަކަށް ބައިވެރި ނުވުމަށް ލޮބުވެތި އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވަމެވެ. އެހެނީ، ޝިރުކުގެ ޢަމަލުތަކަކީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ފާފައެވެ. އަދި އެއީ އެކަމުން ތައުބާ ނުވެވި އެކަމުގެ މަތީގައި ހުއްޓައި މަރުވެއްޖެ ނަމަ ނުފުއްސަވާނެ ފާފައެކެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ވަނީ ޔޯގާ ކުލާސްތަކާއި ޕުރޮގުރާމުތައް ހިންގުމާއި އެފަދަ ކަންކަމަށް ހިތްވަރު ދިނުމުގެ އެއްވެސް ޢަމަލެއް ނުކުރުމަށް ނަސޭހަތްތެރިވެ އެފަދަ ކަންކަން ދިވެހި ދައުލަތުގެ ތެރޭގައި އާލާވުމާއި ދެމިއޮތުން ހުއްޓުވުމަށާއި މިފަދަ ކަންކަމާ މެދު ޢިލްމުވެރިންގެ ފަރާތުން ތަކުރާރުކޮށް ދަންނަވަން ނުޖެހޭނެ ފަދަ ގޮތަކަށް ދައުލަތުގެ ހިންގުމުގެ ކަންކަން ތަރުތީބު ކުރުމަށް ދައުލަތުގެ ވެރިންނަށާއި ކަމާބެހޭ ހުރިހައި މުއައްސަސާތަކަށް ނަސޭހަތްތެރިވެފަ އެވެ.

އަދި ދިވެހިންގެ އިސްލާމީ ވަންތަ ރިވެތި ސަގާފަތާއި އާދަކާދަތަކާ ބީރައްޓެހި މިފަދަކަންކަން ދިވެހި މުޖުތަމައަށް އަންނަ ކޮންމެ ފަހަރަކު ދީނީ ގޮތުން އެކަންކަމުގެ ހުކުމަކީ ކޮބައިތޯ ބަލާ، ސާފުކޮށް ދުރާލައި ރައްޔިތުންނަށް ބަޔާން ދިނުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.