Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

ކުންފުނި މިހާރު ހިންގަނީ ގާނޫނުތަކާ އެއްގޮތަށް: ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މޭޖަރ (ރިޓަޔާޑް) މުޙައްމަދު ނަޖާޙް

ކުންފުނި މިހާރު ހިންގަމުންދަނީ ގާނޫނުތަކާ އެއްގޮތަށް ކަމަށް ފެނަކަ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ.

ފެނަކަ އިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެނާއި ނަރުދަމާ އާއި ކަރަންޓު ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ސަރުކާރުގެ ހިއްސާ އޮންނަ ފެނަކައިގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި ގުޅޭގޮތުން އަޅަންޖެހޭ އިސްލާހީ ފިޔަަވަޅުތައް ލަސްނުކޮށް އެޅުމަށް ފަށާފައިވާ ކަމަށެވެ.

މި އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން އެ ކުންފުނީގެ މަސައްކަތް ކުރިޔަށްދަނީ ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރު ކުރުމަށް އިތުރު މޮނިޓަރިން ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި އޮނިގަނޑު ހަރުދަނާ ކުރުމާއި ސްޓޭކްހޯލްޑަރުންނާ މުއާމަލާތްކުރުމުގެ ނިޒާމު ވަރުގަދަކޮށް ރިޕޯޓްކުރުމާއި މައުލޫމާތު ހާމަކުރުމުގެ އުސޫލުތައް ހަރުދަނާ ކުރާނެ ކަމަށެވެ.

ހަމައެއާއެކު އޮޑިޓުގައި ފާހަގަަކުރެވިފައިވާ ކަންކަން ތަކުރާރު ނުވާނެކަން ކަށަވަރު ކުރުމަށްޓަކައި ގާނޫނުތަކާއި ގަވައިދުތަކާ ހިލާފުވާކަން ސާބިތުވާ ނުވަތަ ވަޒީފާ އަދާކުރުމުގައި އިހުމާލުވާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް އެކުންފުނީގެ ބަޔާނުގައިވެއެވެ. އަދި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް މައުލުމާތު ފޯރުކޮށްދީ މައްސަލަތައް ބަލަން އެއްބާރުލުން ދޭނެ ކަމަށްވެސް ފެނަކައިގެ ބަޔާނުގައިވެއެވެ.

ފެނަކައިގެ ބަޔާނުގައި ވަނީ މިހާރު އޮތް މެނޭޖްމަންޓުން ކަންކަން ކުރިއަށް ގެންދަނީ ގާނޫނާއި ގަވައިދުގެ ތެރެއިން ކަން ފާހަގަކޮށް އުސޫލުތަކުން ބޭރުން އެއްވެސް ކަމެއް ދެން ނުހިނގާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދީފައެވެ.