Last Updated: July 6, 00:30
Sunday, July 5, 2026
ޚަބަރު

ނޫސްވެރިންނަށް އިންޒާރުދޭތީ އެމްޖޭއޭގެ ކަންބޮޑުވުން

މަޖްލިސް ސަރަހައްދުގައި ނޫސްވެރިން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، ފޮޓޯ: އަނޫފް ޖުނައިދު

ނޫސްވެރިންނަށް އިންޒާރު ދިނުމާއި ބިރު ދެއްކުން އިތުރުވެފައިވާތީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެމްޖޭއޭއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މީޑިއާ ކޮންޓްރޯލް ގާނޫނާއި ދެކޮޅަށް ނޫސްވެރިން ތެދުވެ ހިޔާލުފާޅު ކުރަން ފެށުމުން އެކަމުގައި ބައިވެރިވަމުންދިޔަ ނޫސްވެރިންނަށް އެކި ސިފަސިފައިގައި އިންޒާރު ދިނުމާއި ބިރު ދެއްކުމުގެ އަމަލުތަކާ ކުރިމަތިލާން ޖެހިފައިވާކަން އެ ޖަމިއްޔާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖެ24 ގެ ނޫސްވެރިޔާ ނަޒީމް ނައުޝާދުގެ ފުރާނައަށް ބަޔަކު ސިޔާސީ މަގުސަދެއްގައި ގެއްލުމެއް ދޭން ރާވަމުންދާ ކަމަށް ކާކުކަން ނޭނގޭ ގޮތަށް މެއިލް އެއް ފޮނުވާފައިވާކަން އެމްޖޭއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުންދާ އެކައުންޓަކުން އަސްލު ޓީވީގެ ނޫސްވެރިޔާ ޒިދާން މުހައްމަދުއަށް ފުރައްސާރަ ކޮށްފައިވާކަން ވެސް އެމްޖޭއިން ފާހަގަކޮށް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މީގެ އިތުރުން ކޮންޓްރޯލު ބިލާ ދެކޮޅަށް ރައީސް އޮފީސް ކުރިމަތީ މުޒާހަރާ ކުރި ދުވަހެއްގައި އެ އޮފީހުގެ ގޭޓުތަކުން އަރަން އުޅުނު ކަމަށާއި މުލީއާގޭ ފާރުމަތިން ނޫސްވެރިން އަރަން އުޅުނު ކަމަށް ބުނެ، ސަރުކާރަށް ތާއީދު ކުރާ ބަޔަކު، ނޫސްވެރިންނަށް ދޮގު ތުހުމަތުތައްކޮށް ނަފުރަތު އުފައްދާފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

"މިފަދަ އިންޒާރުތައް ނޫސްވެރިންނަށް އަމާޒުވަމުން ދަނީ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިން މަސައްކަތް ކުރަން ފެށުމުން، ނޫސްވެރިންނަށް ދޮގު ތުހުމަތުތައް އަމާޒުކޮށް ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އުފެއްދި ނަފުރަތާ ގުޅިގެން ކަމަށް މި ޖަމިއްޔާއިން ގަބޫލު ކުރަން،" އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މީޑިއާ ކޮންޓްރޯލް ގާނޫނާއި ދެކޮޅަށް މަސައްކަތްކުރަން ފެށި ދުވަހުން ފެށިގެން އެމްޖޭއޭގެ އެކްސްކޯގައި ހިމެނޭ ބައެއް މެންބަރުންނަށް އެކި ގޮތްގޮތުން ބިރުދެއްކުމާއި އިންޒާރު ދިނުމުގެ އަމަލުތައް ހިންގަމުންދާކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެމްޖޭއޭ އިން ވަނީ މި ހުރިހާ މައްސަލައެއް ޖަމިއްޔާގެ ފަރާތުން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ބުނެފަ އެވެ. އަދި، އެކި ގޮތްގޮތުން ކުރިމަތި ކުރާ ފިއްތުންތަކާއި ދައްކާ ބިރަށް ބެލުމެއް ނެތި މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ވެސް އެމްޖޭއޭ އިން ބުނެފައިވެ އެވެ.