Last Updated: July 6, 00:30
Sunday, July 5, 2026
ކުޅިވަރު

ރެއާލް، ޗެލްސީ، ބަޔާނަށް މޮޅެއް، ލިވަޕޫލް ބަލިވެއްޖެ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި ޗެލްސީ އަދި ބަޔާން މިއުނިކް މޮޅުވިއިރު، ލިވަޕޫލް ބަލިވެއްޖެ އެވެ.

ރެއާލް މޮޅުވީ ރަށުން ބޭރުގައި ކަޒަކިސްތާނުގެ އެފްސީ ކައިރާތްއާ ބައްދަލުކޮށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި ރެއާލުން ކާމިޔާބުކުރި ފަސް ގޯލުގެ ތެރެއިން ތިން ގޯލު ކާމިޔާބުކޮށް ކިލިއަން އެމްބާޕޭ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. މި ތިން ގޯލާއެކު ޗެމްޕިއަންސް ލީގުގައި އެމްބާޕޭ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ. އޭނާ އަކީ ޗެމްޕިއަންސް ލީގުގެ ތާރީހުގައި 6 ވަނަ އަށް އެންމެ ގިނަ ގޯލު ކާމިޔާބުކުރި ކުޅުންތެރިއާ އެވެ.

ރެއާލްގެ އަނެއް ދެ ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެޑުއާޑޯ ކަމަވިންގާ އާއި ބްރަހިމް ޑިއާޒް އެވެ.

ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުން ބަލިވި ޗެލްސީ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ބެންފީކާގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ. ޗެލްސީގެ ކުރީގެ ކޯޗު ހޯޒޭ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅުނު ބެންފީކާ ކޮޅަށް ޗެލްސީން ޖެހި ހަމައެކަނި ގޯލަކީ ބެންފީކާގެ މިޑްފީލްޑަރު ރިޗާޑް ރިއޮސް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މި މެޗުގެ ފަހު ވަގުތުކޮޅުތެރޭ ޗެލްސީގެ ފޯވާޑް ޖައޯ ޕެޑްރޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑުގެ ސަބަބުން އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.

ސައިޕްރަސްގެ ޕަފޯސް އެފްސީގެ މައްޗަށް ބަޔާނުން ކުރި ހޯދީ 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ބަޔާންގެ އިތުބާރު ފޯވާޑް ހެރީ ކޭން ދެ ގޯލު ކާމިޔާބުކުރިއިރު، ބަޔާނެއްގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ ނިކޮލަސް ޖެކްސަން އާއި ރަފޭލް ގުރޭރޯގެ އިތުރުން މައިކަލް އޮލީސޭ އެވެ. ޕަފޯސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މިސްލާވް އޯސިޗް އެވެ.

ލިވަޕޫލް ރޭ ބަލިވީ ތުރުކީގެ ގަލަތަސަރާއީއާ ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގެ ކުރީކޮޅު ލިވަޕޫލްގެ ކޯޑީ ގަކްޕޯއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސް ރޮގުމަތިން ގަލަތަސަރާއީގެ ކުޅުންތެރިއަކު ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ގަލަތަސަރާއީން ކާމިޔާބުކުރީ މެޗުގެ 16 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. ލިވަޕޫލްގެ ޑޮމިނިކް ސޮބޮސްލާއީ ގަލަތަސަރާއީގެ ޔިލްމާޒް އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށްދިނީ ވިކްޓާ އޮސިމެން އެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ލީޑު ފުޅާކޮށްލަން އޮސިމެން އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު ޖިއޯޖީ މަމަޑާޝްވިލީ ވަނީ މަތަކޮށްފަ އެވެ. މި ހާފުގައި ނަތީޖާ އެއްވަރުކުރަން ލިވަޕޫލުން މަސައްކަތް ކުރިއިރު، އެޓީމަށް މާގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެ އެވެ.