Last Updated: July 5, 23:30
Sunday, July 5, 2026
ދުނިޔެ

ކޮންގޯގެ ކުރީގެ ރައީސްގެ މައްޗަށް މަރުގެ ހުކުމް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ކުރީގެ ރައީސް ޖޯސެފް ކަބީލާގެ މައްޗަށް މަރުގެ ހުކުމް އިއްވައިފި އެވެ.

ކޮންގޯގެ މިލިޓަރީ ކޯޓަކުން ކަބީލާގެ މައްޗަށް މަރުގެ ހުކުމް އިއްވީ ވެރިކަމުގައި ހުންނެވި ދުވަސްވަރު އިންސާނިއްޔަތާއި ހިލާފު އެތައް އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް ކުރި ދައުވާތައް ސާބިތުވުމުންނެވެ. މި ދައުވާތަކަށް ކަބީލާ އިންކާރުކޮށްފައިވާއިރު، މި ހުކުމް އިއްވީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

މި ދައުވާތައް އޭނާގެ މައްޗަށް އުފުލީ ކޮންގޯގެ އެމް 23 ނަމަކަށް ކިޔާ ބާޣީންގެ ޖަމާއަތަކަށް ކަބީލާ ތާއީދުކުރާތީ އެވެ. އެ ޖަމާއަތުން ކޮންގޯގެ އިރުމަތީ ސަރަހައްދުތައް ހިފުމަށް ކުރަމުންދާ މަސައްކަތުގައި އެގައުމުގެ ސިފައިންނާއި ދެމެދު އަންނަނީ ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަމުންނެވެ.

ކޮންގޯގެ ވެރިކަމާ ކަބީލާ 2001 ވަނަ އަހަރު ހަވާލުވީ އޭނާގެ ބައްޕަ ލޯރެންޓް ކަބީލާ އަވަހާރަވުމާ ގުޅިގެންނެވެ. އޭނާ ވަނީ ކޮންގޯގެ ވެރިކަމުގައި 18 އަހަރު ހޭދަކޮށްފަ އެވެ.

ކަބީލާގެ ވެރިކަން 2019 ވަނަ އަހަރު ނިމުމަކަށް އައިއިރު، އޭނާ 2023 ވަނަ އަހަރުން ފެށިގެން އުޅުއްވަމުން ގެންދަވަނީ ގައުމުން ބޭރުގަ އެވެ. އޭނާ ދިރިއުޅުއްވާ ގައުމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.