އައްޑޫ ޝަންގްރިއްލާ ވިިލިގިލި ރިސޯޓް އެންޑް ސްޕާ އަލުން އޮޕަރޭޝަނަށް ގެންނަން ނިންމާފައިވާތީ ޑިސެމްބަރު މަހުގެ 31 ގައި ރަސްމީކޮށް ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ފަށާނެ ކަމަށް ޝަންގްރިއްލާ ގްރޫޕުން ބުނެފި އެވެ.
ބަންދުކޮށްފައި އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ ރިސޯޓް މި އަހަރުގެ ކުރިން ހުޅުވާނެކަން ސަރުކާރުން އިއްޔެ އިއުލާންކުރުމާ ގުޅިގެން ޝަންގްރިއްލާ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ ރިސޯޓް އަލުން އޮޕަރޭޝަށް ގެނައުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
އެހެންވެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހަކީ އެ ރިސޯޓުން އަލުން ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ފަށާނެ ދުވަސް ކަމަށް ބުންޏެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކީ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ ޝަންގްރިއްލާ އިން ރާއްޖޭގައި ތަރައްގީކޮށްފައިވާ ހަމައެކަނި ރިސޯޓްކަމެވެ. ރާއްޖޭގެ އެންމެ މަތީ ފަންތީގެ ރިސޯޓްތަކުގެ ތެރޭގައި ހިމެނޭ އެ ރިސޯޓް ހުޅުވީ 2009 ގަ އެވެ. ޝަންގްރިއްލާ ވިލިގިލި ރިސޯޓްގެ އިތުރަށް ރާއްޖޭގައި އެ ކުންފުނިން އޮޕަރޭޓްކުރާ އަނެއް ޕްރޮޕަޓީ އަކީ މާލޭގައި ހުންނަ މަޝްހޫރު "ހޮޓެލް ޖެން" އެވެ.
ޝަންގްރިއްލާ ވިލިގިލި ރިސޯޓް ބަންދުކުރީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި 2020 ގެ މާޗް މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެތަން ނުޙުޅުވި ދިގުލައިގެން ގޮސްފައި އޮތުމަކީ އައްޑޫގެ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.
މި ރިސޯޓް އަލުން ހުޅުވާނެ ކަމަށް ކުރީގެ ސަރުކާރު ނިމުމުގެ ކުރިން ވެސް އެތައް ވައުދެއްވެފައިވާ އިރު، މި ސަރުކާރުން ވެސް އެތައް ފަހަރެއްގެ މަތިން ޝަންގްރިއްލާ ރިސޯޓް ހުޅުވުމުގެ ވާހަކަތައް އެކިއެކި ޕްލެޓްފޯމްތަކުގައި ދައްކާފައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޑިސެމްބަރު މަހުގެ 31 ގެ ކުރިން ރިސޯޓް ހުޅުވަން އަމާޒު ހިފާފައިވާތީ ރިސޯޓް އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.
ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.
ޝަންގްރިއްލާ ރިސޯޓަކީ ގޮލްފް ކޯހެއް ވެސް އޮންނަ ރިސޯޓެކެވެ.