Last Updated: July 5, 23:30
Sunday, July 5, 2026
މުނިފޫހިފިލުވުން

'ކޮސް ގިނަ މިސްޓޭކް' ބަލަން ދާނީ ނޮވެމްބަރު 5 ގައި

މި އަހަރުގެ ކުރީކޮޅު ޝޫޓިން ނިންމާފައި އޮތް ފިލްމު "ކޮސް ގިނަ މިސްޓޭކް" އަންނަ މަހުގެ 5 ގައި ގެނެސްދޭން ނިންމައި އޭގެ ޕޯސްޓަރާއި ޓްރެއިލާ ވެސް ދައްކާލައިފި އެވެ.

ފިލްމުގެ ޓްރެއިލާ ދައްކައިލީ ރޭ އެކަމަށްޓަކައި ސިޓްރޯން ބާއި ލެމަންގްރާސްގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ. "ކޮސް ގިނަ މިސްޓޭކް" ގެ ޕޯސްޓަރާއި ޓްރެއިލާ ލޯންޗްކޮށް ދެއްވީ އެސްއެސް މީޑިއާގެ ސީއީއޯ މުހައްމަދު އާސިފެވެ.

އެ ހަފުލާގައި ފިލްމުގެ ޓީމު ބައިވެރިވެ އެވެ.

ކޮމެޑީއެއްގެ ގޮތުގައި ގެނެސްދޭ "ކޮސް ގިނަ މިސްޓޭކް" އަކީ ފިލްމުގެ ރޯލެއް ވެސް ކުޅެފައިވާ މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ސްކްރީންޕްލޭއަކަޝް މަޝްހޫރު އެކްޓަރު އަލީ ސީޒަން ޑައިރެކްޓްކޮށްފައިވާ ފިލްމެކެ.

ވަރަށް ބޮޑު ކާސްޓެއް ވެސް ހިމެނޭ މި ފިލްމުން ފެންނާނެ ތަރިންގެ ތެރޭގައި ޔޫއްޕެ އާއި ސީޒަނާއި މަރިޔަމް އައްޒަ އާއި ޖުމައްޔިލް ނިމާލާއި އޭނަގެ ބައްޕަ އަހުމަދު ނިމާލާއި މަރިޔަމް ޝިފާ އާއި ހާމިދު އަލީ އާއި އައިމިތު ރިޝްފާ އާއި ޢަލީ ޢާޒިމް (ދޮން އައްޔަ) އާއި އަބްދުﷲ ޝާފިއު (ފުބޫ) އަދި އަހުމަދު ޝާކިރު ޝާއްކޮ (އަންމަޑޭ) ހިމެނެ އެވެ.

މ. މުލަކުގައި ޝޫޓްކޮށްފައިވާ "ކޮސް ގިނަ މިސްޓޭކް" އަކީ ރޭ އޮލިމްޕަހުގައި ޝޯތައް ނިންމައިލި "ކަނބުލޮ" ގެ ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ޕްރޮޑިއުސަރު އިސްމާއީލް ޝަފީގުގެ ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

މި ފިލްމަކީ މި އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެ އެންމެ ވަރުގަދަ އެއް ފިލްމައް ވެގެންދާނެ ކަމަށް ފިލްމުގެ ޓީމުން އުންމީދު ކުރެ އެވެ.

"ކޮސް ގިނަ މިސްޓޭކް" ނޮވެމްބަރު 5 ގައި އޮލިމްޕަހުގައި ޕްރީމިއާކުރާ ގޮތަށް ނިންމި އިރު، އެ މަހު އިތުރު ފިލްމެއް ވެސް އަޅުވާ ގޮތަށް ހަމަޖެހިފައިވެ އެވެ. އެއީ ޑައިރެކްޓަރު އަޒްހާން އިބްރާހީމް ނޮވެމްބަރު 20 ގައި ގެނެސްދޭ "ލިލީ" އެވެ.

ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނަން އޮތް ފިލްމަކީ ޑާކް ރެއިން އެންޓަޓައިންމަޓުން މި މަހުގެ 6 ގައި އަޅުވާ "އަލިފާން" އެވެ.