Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އަދާލަތުން އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަނީ

މިހާރުގެ ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަން އަދާލަތު ޕާޓީން އެހެން ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަން ނިންމައިފި އެވެ.

މިދިޔަ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިމްރާން އަބްދުﷲ ރައީސްގެ މަގާމުގައި ހުންނެވި އަދާލަތުން ބުނީ ރާއްޖޭގެ ދުސްތޫރީ ނިޒާމަށާއި އިގުތިސާދަށާއި ރައްޔިތުންގެ އަސާސީ ހައްގުތަކަށް ސަރުކާރުން އަރައިގަންނަމުން ދާތީ ރައީސް މުހައްމަދު މުއިއްޒު ހަމަމަގަށް އެޅުވުމަށް އެހެން ސިޔާސީ ޕާޓީތަކާ ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.

އެ ޕާޓީން ބުނީ ދުސްތޫރީ ނިޒާމު ގަޑުބަޑުވެ، ހައްގުތައް ގެއްލި، ސަރުކާރުގެ ދޯހަޅި ސިޔާސަތުގެ ސަބަބުން އިގުތިސާދު ދަށަށް ގޮސް، މުދަލުގެ އަގު އުފުލި، ކުދި ވިޔަފާރިތައް ބަނގުރޫޓުވެ، ބޭރުގެ ދަރަނި ނުދެއްކި ގައުމު ބަނގުރޫޓުވުމާ ގާތަށް ގޮސްފައިވާ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެން ގޮސްދާނެކަމުގެ ބިރު އޮތް ކަމަށެވެ.

"…ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތަތީވެ، މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީކޮށް، ސަރުކާރު ހަމަ މަގަށް އަޅުވައި، އަދި ސަރުކާރު ޒިންމާދާރު ކުރުވުމަށްޓަކައި، ސިޔާސީ ޕާޓީތަކާއި މަޝްވަރާކޮށް، ސިޔާސީ ޕާޓީތަކާއި އެކު މަސައްކަތް ފެށުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ އަގުލަބިއްޔަތުން އިގުރާރުވަން." އަދާލަތުން ބުންޏެވެ.

އެ ޕާޓީން ބުނީ ގާނޫނުއަސާސީ ބަދަލުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގާނޫނުއަސާސީއާ ހިލާފު ގާނޫނަކުން ކަސްތޮޅު އަޅުވައި، ގާނޫނު ހެދުމުގެ ބާރުގެ މިނިވަންކަމާއި އިމްތިޔާޒުތަކަށް ވެސް އަރައިގަތް ކަމަށާއި އެ މައްސަލަ ބަލަން ފެށުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގާނޫނީ އިޖުރާއާތުތަކާ ހިލާފަށް މަގާމުން ވަކިކޮށް، އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ މިނިވަންކަން ނަގައިލި ކަމަށާއި ދިވެހިރާއްޖޭގެ މުޅި ދުސްތޫރީ ނިޒާމު ގަޑުބަޑުވެ، މިނިވަން މުއައްސަސާތަކުގެ މިނިވަންކަން ނަގާލައި ބާރު ކަނޑުވާފައިވާ ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތަކުން ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކުގެ އަގުތައް އަތްނުފޯރާފަށަށް މައްޗަށް ގޮސް، ދައުލަތުން އާދައިގެ އާންމު ރައްޔިތުން އަތުން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ގަސްދުގައި ސިޔާސީ ބޭނުމަށް ދިވެހި އިގުތިސާދުގެ ލޭނާރުކަމުގައިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ބަނގުރޫޓުކޮށް، އާއިލާތަކުގެ އާންމު ދިރިއުޅުން ހުއްޓޭ ހިސާބަށް ގޮސްފައިވޭ." އަދާލަތުން ބުންޏެވެ.

އެ ޕާޓީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން، ރާއްޖޭގެ އިގުތިސާދީ ހާލަތު މިއިން ޒަމާނަކު ނުދެކޭ މިންވަރަށް ފާގަތިވާނެކަމުގެ ދޮގު ވައުދުވެ، އޮޅުވާލާފައިވާ ކަމަށެވެ. އަދި ދިވެހި ދައުލަތުގެ ފިސްކަލް ސިޔާސަތު ވިއްސިވިހާލިވެފައިވާ ކަމަށެވެ. އެހެންވެ މިކަންކަމުގެ ސަބަބުން އާންމު ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތި ހާލާ މެދު އެއްވެސް މިންވަރެއްގެ ހަމްދަރުދީއެއް ސަރުކާރުން ނުބަހައްޓާ ކަމަށާއި ސަރުކާރުގެ ވެރިންގެ ވައްކަމާއި ހިޔާނާތާއި އަދި އިހުމާލުގެ ސަބަބުން ދިވެހީންގެ މާލިއްޔަތު އެކީ ހުސްވަމުންދާ ކަމަށް އަދާލަތުން ބުންޏެވެ.

"ޑިމޮކްރެޓިކް ގައުމުތަކުގައި އެއްވެސް އިރަކު ރައްޔިތުން ކިބައިން ނިގުޅައިނުގަނެވޭ މިނިވަން މީޑިއާއަށް މި ރާއްޖޭގައި ހަރަކާތްތެރިވާން އޮތް އެންމެހައި ދޮރުތައް ބަންދުކޮށް، އިސްލާމް ދީނުގެ ތަރަހައިގެ ތެރޭގައި މިނިވަންކަމާއެކު ހިޔާލު ފާޅުކުރުމުގެ ހައްގު ވެސް ސަރުކާރުން ވަނީ ހިފަހައްޓާފައި،" ބަޔާނުގައި ބުންޏެވެ. "މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތުތައް ބައްޓަން ކުރަމުންދާ ގޮތުން، ރައްޔިތުންގެ އެންމެ އަސާސީ ހައްގުތަކާއި މިނިވަންކަން އެކީއެކަށް ގެއްލިދާނެކަމުގެ ބިރު ވެސް އެބައޮތް."