އަންނަ ހުކުރު ދުވަހު އެމްޑީޕީން "ލޫޓްވައިފި، ލޫޓްވައިފި" ގެ ނަމުގައި ބާއްވަން އުޅޭ އެއްވުމަކީ ސުލްހަވެރި އެއްވުމެއް ކަމަށާއި އެ އެއްވުމަށް ސަރުކާރުން ހުރަސް އެޅުމަށްޓަކައި ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން ސަރުކާރފުން އެ ގްރޫޕްތައް ނެރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި އެވެ.
އެ ޕާޓީގެ އެއްވުމުގައި ކުށްކުރާ ގްރޫޕްތައް ނެރެގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނާ ގުޅިގެން އެމްޑީޕީން ބުނީ ފުލުހުން ބަޔާނެއް ނެރުނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ކަމަށެވެ.
އެ ޕާޓީން ބުނީ އެއްވުން ކުރިއަށްގެން ދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން ފުލުހުންނަށް އަންގާފައިވާނެ ކަމަށާއި. ރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އަންގާފައި ނުވާނެ ކަމަށެވެ.
"އެމްޑީޕީން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި ސިޔާސީ ހަރަކާތް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް މުއިއްޒުގެ ސަރުކާރުން ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރަން،" އެމްޑީޕީން ބުންޏެވެ. "މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެއް."
އެ ޕާޓީން ބުނީ މާލެ ތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް މުއިއްޒުގެ ސަރުކާރުން ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށް ދިނުމަށް އެމްޑީޕީން ފުލުހުންނަށް ގޮވައިލާ ކަމަށެވެ. އަދި ގާނޫނުއަސާސީން ކަށަވަރުކޮށް ދީފައިވާ ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް މުއިއްޒު އަންގަވައިގެން ހުރަސް ނޭޅުމަށް ވެސް ގޮވާލާފައިވެ އެވެ.
"މިއަދު ފުލުހުންގެ އަމަލުތަށް ބިނާކޮށްފައި ވަނީ ޕީއެންސީ ސަރުކާރުގެ ޢައިރު ޤާނޫނީ އަމުރުތަކަށް ތަބާވެ، އިދިކޮޅުން ހިންގާ ސިޔާސީ ހަރަކާތަށް ހުރަސް އެޅުންކަން ސާފުވާ ހިނދު، ފުލުހުންގެ ހިދުމަތް ސިޔާސީ ކުރުމަކީ މި ޕާޓީއިން ކުށްވެރިކުރަން." އެމްޑީޕީން ބުންޏެވެ.