Last Updated: June 8, 20:40
Monday, June 8, 2026
މުނިފޫހިފިލުވުން

ވައިއާރްއެފަށް ސްކްރިޕްޓް ފޯރުކޮށް ދިނުމުގެ ފުރުސަތެއް

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި، ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ސްކްރީން ރައިޓިން އަށް ޝައުގުވެރިވާ މީހުންނަށް އެ މީހުންގެ ސްކްރިޓްތައް އެ ސްޓޫޑިއޯއާ ހިއްސާ ކުރެވޭނެ ފުރުސަތު ފަހިކޮށް ދީފި އެވެ.

"ސްކްރިޕްޓް ސެލް" ގެ ނަމުގައި ތައާރަފުކުރި ވެބްސައިޓް މެދުވެރިކޮށް ދުނިޔޭގެ ކޮންމެ ހިސާބެއްގެ މީހަކަށް ވެސް ސްކްރިފްޓް ހުށަހެޅޭނެ އެވެ. އެކަމަކު އެ ސްކްރިޕްޓެއް ވާން ޖެހޭނީ ބޮލީވުޑް ނުވަތަ ހިންދީ ފިލްމަކަށް ކަމުދާ ކަހަލަ ވާހަކަ ކަމަށް ވައިއާރްއެފުން ބުންޏެވެ.

އެހެންވެ މިއީ ސްކްރީން ރައިޓިން އަށް ޝައުގުވެރިވާ މީހުންނަށް ފަހިވި ރަނުގެ ފުރުސަތަކަށް ވާނެ އެވެ.

ވައިއާރްއެފަކީ ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިިވާ ކުރީގެ ޑައިރެކްޓަރު/ޕްރޮޑިއުސަރު ޔާޝް ޗޯޕްޅާގެ ސްޓޫޑިއޯ އެވެ. އޭނަ 2012 ގައި މަރުވި ފަހުން އެ ސްޓޫޑިއޯ ހިންގުމުގެ ޒިންމާ ނަގަމުން އަންނަނީ ދޮށީ ދަރިފުޅު އަދިތިޔާ ޗޯޕްޅާ އެވެ. ކާމިޔާބު ފިލްމުތައް ކަމަށްވާ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެކްޖޭ) އާއި "މުހައްބަތޭން" ގެ ޑައިރެކްޓަރު އަދިތިޔާ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ.

ވައިއާރްއެފަކީ ދާދި ފަހުން ބޮޑު ބްލޮކްބަސްޓާއަކަށްވި ފިލްމު "ސައްޔާރާ" ގެނެސްދިން ސްޓޫޑިއޯ އެވެ.