Last Updated: June 6, 09:11
Saturday, June 6, 2026
ޚަބަރު

ސިފައިން ކަނޑު އުޅަނދުތައް ޗެކްކުރަން ފަށައިފި

ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ޚާއްޞަ އޮޕަރޭޝަނެއް އެމްއެންޑީއެފުން ފަށައިފި އެވެ.

މި އޮޕަރޭޝަނަކީ، ލައިސަންސް ނެތި ކަނޑު އުޅަނދުފަހަރު އޮޕަރޭޓްކުރުމާއި ކަނޑުމަތީގެ ސަލާމަތާ ބެހޭ ގަވާއިދުތަކުގައިވާ ސަލާމަތީ ކަންކަން ފުރިހަމަކުރުމެއް ނެތި ކަނޑު އުޅަނދުފަހަރު ދުއްވުން ފަދަ ކަންކަން ގިނަވުމުން، ތަފާތު ނުރައްކާތެރި ހާދިސާ ހިނގުން ގިނަވަމުން ދާތީ ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.

އެގޮތުން، އޮޕަރޭޝަންގައި ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ އާއި، އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަކުރެވިފައިވޭތޯ ބަލާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެގޮތުން މެރިން ވީއެޗްއެފް ޗެކްކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ވެސް ބަލާނެ އެވެ.

އެމްއެންޑީއެފް އޭރިއާ ކޮމާންޑްތައް ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި، ރަށްރަށުގެ ބަނދަރުން ފުރާ އުޅަނދުތަކާއި ބަނދަރަށް ވަންނަ އުޅަނދުފަހަރުތައް ވެސް ޗެކްކުރާ ހަމަޖެހިފައިވެ އެވެ.

އެމްއެންޑީއެފުން ބުނީ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުތައް އޮޕަރޭޓްކުރަމުންދޭތޯ ބަލައި އިސްލާހުކުރުމުގެ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.