ދައުލަތުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރަ އަށް ހެޔޮ ބަދަލެއް ވަރަށް އަވަހަށް އަންނާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ފެށި "އިންޓާނަލް އޮޑިޓް ކޮންފަރެންސް" ގެ ޝަރަފުވެރިކޮށް ދެއްވައި ނައިބު ދެއްކެވި ވާހަކައިގައި ވިދާޅުވީ ވިދާޅުވީ، ކައިރި މުސްތަގްބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮބަދަލު އަންނާނެ ކަމަށެވެ.
"މިހާރު ވަނީ އިންޓާނަލް އޮޑިޓަރުންނަށް ހާއްސަ އޮނިގަނޑެއް އެކުލަވާލެވިފައި. އަދި ކައިރި މުސްތަގުބަލެއްގައި ދައުލަތުގެ އޮފީސްތަކުގެ އިންޓާނަލް އޮޑިޓަރުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގެ އުފާވެރި ހަބަރު އަޅުގަނޑު ހިއްސާކޮށްލަން." އެ މަނިިކުފާނު ވިދާޅުވި އެވެ.
މި އަހަރުގެ "އިންޓާނަލް އޮޑިޓް ކޮންފަރެންސް" ގެ ޝިއާރަކީ "ބަދަލުވަމުންދާ ވެއްޓެއްގައި ޖަވާބުދާރީ ކުރުވުމުގައި އިންޓާނަލް އޮޑިޓްގެ ދައުރާއި، އާންމު މަސްލަހަތު ކުރިއެރުވުން" އެވެ.
އެ ޝިއާރަށް އަލިއަޅުވާލައްވައި ނައިބު ރައީސް ވިދާޅުވީ ދުނިޔެ ބަދަލުވަމުން، ތަހްޒީބުވަމުން އަންނަ ދިއުމުގައި ތަފާތު އީޖާދުތަކާއެކު ކުރިއަށް ދެނެނުގަނެވޭނެ ހިރާސްތަކާއި ގޮންޖެހުންތަކާއި އޮޑިޓްކުރުމުގައި ވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެހެންވެ މިފަދަ ހިރާސްތައް ދެނެގަނެ އެކަންކަމަށް އޮޑިޓަރުން ފާރަވެރިވާން ޖެހޭ ކަމަށާއި ކަންކަން ބޮއްސުންލައިގެން ދިއުމުގެ ކުރިން އެކަންކަމަށް ފާރަވެރިވެ، އިދާރާތަކުގެ އިންޓާނަލް ކޮންޓްރޯލް ވަރުގަދަ ކުރުމަށް އެދިވަޑައިގެންނެވި އެވެ.