އުމުރުން ދުވަސްވީ ކޮންމެ މީހަކީ މި ޤައުމަށް ތަޖުރިބާގެ އަގުހުރި މުތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ އުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ އުމުރުން ދުވަސްވީ ކޮންމެ ބޭފުޅަކު މާޒީގައި ދެކެވަޑައިގަތް ކަންކަމަކީ، ބާއްޖަވެރި މާދަމާއެއް ބިނާކުރުމަށްޓަކައި އިބުރަތުގެ ދަރުސްތަކެއް ކަމަށެވެ.
"ސަރުކާރުން އެންމެ ސަމާލުކަންދޭ އެއް ސިޔާސަތަކީ ރާއްޖޭގެ ކޮންމެ ރަށަކީވެސް ދޮށީ އުމުރުގެ ރައްޔިތުންނަށް ފަހި، ފަސޭހަ، އޯގާތެރި ވެއްޓަކަށްވުން،" ރައީސް ވިދާޅުވި އެވެ. "ހުރިހާ އުމުރު ފުރައަކަށް އުފާފާގަތި މާހައުލެއް އަބަދުމެ އޮތުން."
ރައީސް ވިދާޅުވީ އިސްރަށްވެއްސެއްގެ ޙަޔާތުގެ މި ދުވަސްތަކަކީ، ލޯތްބާއި ކުލުނުން ފުރިފައިވާ، ދުޅަހެޔޮ، ބާއްޖަވެރި ދުވަސްތަކެއް ކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ބައިނަލްއަގްވާމީ ފެންވަރުގައި އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަ ކުރަން ފެށީ 1991 އިން ފެށިގެންނެވެ. އެގޮތުން އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަކީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ކަމަށް އދ.ގެ ޖެނެރަލް އެސެމްބްލީން ކަނޑައެޅީ ޑިސެމްބަރު 14، 1990 ގަ އެވެ.