Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދައުލަތުގެ އިންޓާނަލް އޮޑިތް ހަރުދަނާ ކުރާނެ: ނައިބު

ދައުލަތުގެ އިދާރާތަކުގައި އިންޓާނަލް އޮޑިޓް ކޮންޓްރޯލްތައް ވަރުގަދަ ކުރެވިއްޖެ ނަމަ، ދައުލަތުން ހޭދަކުރާ ކޮންމެ ފައިސާ ފޮއްޗަކީ ވެސް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭނެ އެއްޗަކަށް ވާނެ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ފެށި "ދައުލަތުގެ އިންޓާނަލް އޮޑިޓަރުން ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގައި އިންޓނަލް އޮޑިޓަރުންގެ މަސައްކަތް ކުރުމުގައި ތަފާތު ގޮންޖެހުންތައް ހުރި ކަމަށް ސަރުކާރުން ގަބޫލު ކުރާ ކަމަށެވެ.

އެހެންވެ އެކަންކަން ހައްލު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ދައުލަތުގެ އޮޑިޓް ނިޒާމުގެ ހިންގުން ހަރުދަނާކޮށް، މިނިވަންކަމާއެކު، މަސައްކަތް ކުރެއްވޭނެ މަގު ފަހިކޮށްދީ އްވައި، އޮޑިޓަރުން ދެއްވާ އިރުޝާދުތަކާއި ލަފާތައް ތަންފީޒުކުރިމުގެ ނަތީޖާއަކަށް ވާނީ، ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ އަރަނިވެރި، ކޮރަޕްޝަނާ ދެކޮޅު، ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ރައްޔިތުންނަށް މަންފާ ލިބޭ ތަންތަންކަމުގައި ވެގެންދިޔުން،' ނައިބު ވިދާޅުވި އެވެ. "މީގެ އިތުރުން، އިދާރީ ހިންގުން ހަރުދަނާކޮށް ދައުލަތުގެ އިދާރާތަކަށް އާންމުން ކުރާ އިތުބާރު ދެމެހެއްޓުމުގައި އޮޑިޓަރުން އަދާކުރަނީ މުހިންމު ދައުރެއް."