Last Updated: June 27, 20:02
Saturday, June 27, 2026
ޚަބަރު

ނިއުރޭޑިއަންޓް ގޮވައިގެން ހިތަދޫ މީހަކު ކޯޓަށް!

ނިއުރޭޑިއަންޓް ސްޕޯޓސް ކްލަބްގެ ކުޅުންތެރިން. ފޮޓޯ: ނިއުރޭޑިއަންޓް

މިދިޔަ ސެޕްޓެމްބަރު މަހު އައްޑޫގައި ބޭއްވި ޕްރެޒިޑެންޓް ކަޕްގެ ރަނައަޕް އަދި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ ތާރީހީ ކްލަބް ނިއުރެޑިއަންޓް ސްޕޯޓްސް ކްލަބް ގޮވައިގެން ހިތަދޫ މީހަކު ކޯޓަށް ދާން ނިންމައިފިއެވެ.

"އައްޑޫލައިވް" އާއި ވާހަކަ ދައްކަމުން ހިތަދޫ، ސްކައި، އަހްމަދު ސައީދު(ސޮޑާ) ބުނީ ޕްރެޒިޑެންޓް ކަޕްގައި ވާދަ ކުރުމަށް އައްޑޫއަށް އައި ނިއުރޭޑިއަންޓްގެ ކުޅުންތެރިންގެ ކެއުމާއި، އެކޮމަޑޭޝަންގެ ކަންކަން ހަމަޖައްސައިދިނުމުން ފައިސާ ނުދީ ފުރައިގެން ގޮސްފައިވާ ކަމަށެވެ.

އޭނާ ބުނިގޮތުގައި ނިއުރޭޑިއަންޓްގެ ޓީމް ފުރައިގެން ދިޔަ ފަހުން ޓީމްގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތަކުން ފޯނަށް ޖަވާބު ނުދޭ ކަމަށާއި، މައްސަލަ ހައްލު ކުރަން އެ ކްލަބުގެ އިސްވެރިންނާއި ވެސް ވާހަކަ ދެއްކި ކަމަށެވެ. ފައިސާ ހޯދަން ކޯޓަށް ދާން ނިންމީ ވާހަކަ ދައްކައިގެން ހައްލެއް ނުލިބުމުން ކަމަށް ވެސް އަހްމަދް ސައީދް ބުންޏެވެ.

DSC_8748

"ނިއުރޭޑިއަންޓްގެ ކުރިން އަޅުގަޑު ވިކްޓްރީގެ ކުޅުންތެރިންގެ އެކަމޮޑޭޝަން އާއި، ކެއުން ހަމަޖައްސާދިނިން. އެޓީމް ފުރައިގެން ދިޔައީ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށް ވަރަށް ބަރާބަރަށް. އޭގެ ފަހުން ނިއުރޭޑިއަންޓްގެ އަންވަރު އަލީ އަޅުގަނޑަށް ގުޅައިގެން އެގޭގައި ޓީމްގެ ކުޅުންތެރިން ބައި ތިއްބަން އެދުނީ. އެމީހުން އެދުނު ގޮތަށް ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނިން."

އަހްމަދު ސައީދު ބުނީ މިކަމުގައި ނިއުގެ ފަރާތުން އިސްކޮށް ހުރި އަންވަރު އާއި ތަފާތު ފަހަރުމަތިން ވާހަކަ ދައްކާފައިވާ ކަމަށެވެ. އަންވަރު ފޯނަށް ޖަވާބު ނުދޭތީ އެ ކްލަބުގެ ޗެއާމަން އަލީ ވަހީދު އާއި ވެސް ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އެކަމުގައި އަލިމަގެއް ނުފެނުނު ކަމަށެވެ.

ޕްރެޒިޑެންޓް ކަޕްގެ ރަނައަޕް ޓީމަށް ލިބުނު 250،000 ރުފިޔާ އާއި މިފަހަރުގެ އުރީދޫ ދިވެހި ޕްރެމިއާ ލީގް ކާމިޔާބް ކޮށްގެން 1،000،000 ރުފިޔާ މިހާތަށް ނިއުއަށް ވަނީ ލިބިފައެވެ.