އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި، ޝާހްރުކްގެ ޚާންގެ މިލްކިއްޔާތު ބިލިއަން ޑޮލަރަށް އަރައިފި އެވެ.
ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޝާހްރުކް މިހާރު ހިމެނެނީ އިންޑިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގަ އެވެ. "ހުރޫން އިންޑިއާ ރިޗް ލިސްޓް" ގައިވާ ގޮތުން އޭނަގެ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް އަރަ އެވެ.
މި އަހަރު އަލަށް ނެޝަނަލް އެވޯޑް ވެސް ލިބުނު ޝާހްރުކް އަކީ ބޮލީވުޑްގެ ފިލްމީ ތަރިންގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބޭ އެކެކެވެ. ފިލްމުތަކުގެ އިތުރުން އެކިއެކި ބްރޭންޑްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް ދީގެން ވެސް އޭނަ އަށް ބޮޑު އާމްދަނީއެއް ލިބެ އެވެ.
މުމްބާއީގައި ހުންނަ ޝާހްރުކްގެ ގެ "މަންނަތު" އަކީ އިންޑިއާގެ އެންމެ އަގުބޮޑު ގެތަކުގެ ތެރެއިން އެއް ގެއެވެ. އޭނަގެ ގެތަކެއް އިންޑިއާގެ ބައެއް އެހެން ސިޓީތަކާއި އެހެން ގައުމުތަކުގައި ވެސް ހުރެ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތާއި ޔޫއޭއީ ހިމެނެ އެވެ.
ރެޑް ޗިލީސް އެންޓަޓައިންމަންޓްގެ ނަމުގައި އަމިއްލަ ޕްރޮޑަކްޝަން ހައުސްއެއް ވެސް ހިންގަމުން އަންނަ ޝާހްރުކް އަކީ އިންޑިއަަން ޕްރީމިއާ ލީގް (އައިޕީއެލް) ގައި ވާދަކުރާ ކްރިކެޓް ޓީމްތަކުގެ ތެރޭގައި ހިމެނާ ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) ގެ އެއް ހިއްސާދާރު ވެސް އެވެ.
އަންނަ މަހުގެ 60 އަހަރު ފުރޭ ތިން ކުދިންގެ ބައްޕަ ޝާހްރުކް މިހާރު އަންނަނީ "ކިންގް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.
ޝާހްރުކްގެ މިލްކިއްޔާތު 1.4 ބިލިއަން ޑޮލަރަށް އެރުމާ އެކު އޭނަ މިހާރު ވެފައި ވަނީ ދުނިޔޭގެ އެންމެ މުއްސަނދި ސެލަބްރިޓީއަށެވެ.
އިންޑިއާގެ މިހާރުގެ އެންމެ މުއްސަނދި މީހަކީ މުކޭޝް އަމްބާނީ އެވެ. އޭނަގެ މިލްކިއްޔާތު 105 ބިލިއަން ޑޮލަރަށް އަރަ އެވެ. އަމްބާނީ އަކީ ރިލަޔަންސް ގްރޫޕްގެ ވެރިޔާ އެވެ.