Last Updated: July 5, 19:14
Sunday, July 5, 2026
ޚަބަރު

50 ބުރީގެ އިމާރާތަކަށް ވުރެ ޒުވާނުން ބިނާކުރުން މުހިއްމު

ތަރައްގީ ފުރިހަމައަށް ހާސިލުވާނީ ގައުމު ދެކެ ލޯބިވާ ޒުވާނުން ބިނާކުރެވިގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދިވެހި ވަތަނީ ހިދުމަތް އިފްތިތާހު ކުރުމަށް މިއަދު ހަވީރު މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަަރައްގީ ފުރިހަމަ މިނުގައި ހާސިލުވާނީ ޤައުމުދެކެ ލޯބިވާ، އިސްލާމް ދީން ދެކެ ލޯބިވާ، ފަޚުރުވެރި، ހުނަރުވެރި ޒުވާން ޖީލެއް ބިނާކުރެވިގެން ކަމަށެވެ.

މި ތަމްރީނަކީ، ބައިވެރިންގެ މުސްތަޤުބަލު އުޖާލާކޮށް، އުފާފާގަތިކަން ކަށަވަރުކުރުމަށް ލިބުނު ފުރުޞަތެއްގެ ގޮތުގައި ބަލައިގަނެގެން ކުރިއަށްދިއުމަށާއި އަދި ތަމްރީނު ނިމޭއިރު އުފެދިގެންދާނީ، އުޅުންހުރި، ޤައުމީ އަދި ދީނީ ލޯބި އަށަގެންފައިވާ، ބާރުވެރި ޒުވާނުންތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަގީގަތުގައި 50 ބުރީގެ އިމާރާތެއް އިމާރާތް ކުރުމަށް ވުރެވެސް ގައުމު ދެކެ ލޯބިވާ، އިސްލާމްދީން ދެކެ ލޯބިވާ، ފަހުރުވެރި، ހުނަރުވެރި ޒުވާނެއް ބިނާކުރުމަކީ މާ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރަނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ މިއަދު ފެށިގެން މިދަނީ ވަރަށް ތާރީހީ އަދި ގައުމު ބިނާކުރުމުގެ ވަރަށް މުހިއްމު ސޮފްހާއެއް ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ތަމްރީނުގައި ބައިވެރިވާ ޒުވާނުންނަށް ސަރުކާރުން ވަރަށް ރަނގަޅަށް ކަންތައްތައް ކޮށްދޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ދިވެހި ވަޠަނީ ޚިދުމަތުގެ މިޝަންގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫޙާނީ އަދި ނަފުސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކުރުމެވެ. މިއަދު ފެށި، ނޭޝަނަލް ސާވިސް އިނީޝިއަލް ތަމްރީނަކީ، ތިން މަސް ދުވަހުގެ ޕްރޮގްރާމެކެވެ.

މި ތަމްރީނުގައި ދިވެހި ޤައުމިއްޔަތު، ޒިންމާދާރު ރައްޔިތުކަން، ދިނީ ތަޢުލީމު، ލީޑަރޝިޕް އަދި ބަހުގެ ޕްރޮފިޝަންސީ އުނގަންނައިދީ، ކަސްރަތާއި ހަށިހެޔޮކަމާއި، ހެވިކަމުގެ ތަމްރީނުތައް ކުރިއަށްގެންދާނެ އެވެ. އަދި ފަސްޓް އެއިޑް، ފަޔާ ފައިޓިން އަދި ސެލްފް ޑިފެންސް ވެސް ދަރިވަރުންނަށް ދަސްކޮށްދޭނެ އެވެ.