Last Updated: July 5, 19:14
Sunday, July 5, 2026
ޚަބަރު

ގިނަ އަދަދެއްގެ ފުލުހުން ނުކުމެ ތަމްރީނުތަކެއް ފަށައިފި

ގިނަ އަދަދެއްގެ ފުލުހުން ނުކުމެ ތަމްރީނުތަކެއް ފަށައިފި އެވެ.

ފުލުހުން ބުނީ އެ މުއައްސަސާގެ އޮޕަރޭޝަނަލް ރެޑިނަސް ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ އެކްސަސައިޒްތަކުގެ ތެރެއިން އެކްސަސައިޒްތަކެއް މިއަދާއި މާދަމާ މާލެއާއި ހުޅުޅުމާލޭގައި ކުރިއަށްދާނެ ކަމަށެވެ.

މި އެކްސަސައިޒްތަކުގައި ދިމާވެދާނެ ހާލަތަކަށް ފުލުހުން ތައްޔާރުވެފައިވާ މިންވަރު ބަލައި، ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިފަދަ ތަމްރީނުތަކެއް ފަށާފައިވާއިރު، އަންނަ ހުކުރު ދުވަހު އިދިކޮޅު އެމްޑީޕީން މާލޭގައި ބޮޑު މުޒާހަރާއެއް ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އެ މުޒާހަރާގައި ކުށްކުރާ ގްރޫޕްތައް ނެރެގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ ފުލުހުންގެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.