މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އިން ހިންގާ ކޯސްތައް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް) އިން ހިންގުމުގެ ހުއްދަ ދީފި އެވެ.
އެ ހުއްދަ ދިނުމުގެ ގޮތުން އެމްއެންއެސްޑީއޭ އާއި އެމްއޭސީއެލްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެ އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އެވެ. އެމްއެންއެސްޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ސީއީއޯ ޑރ. ޒަހުރާ މުހައްމަދު އެވެ.
މި އެއްބަސްވުމުގެ ސަބަބުން އެމްއެންއެސްޑީއޭ އިން ހިންގާ ގައުމީ ސެޓްފިކެޓް ލެވެލްގެ ހުރިހާ ކޯހެއް އެމްއޭސީއެލްގެ ޓްރެއިނުންނާއެކު އެއިމް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އެމްއޭސީއެލް އިން ބުނީ މިއީ ރާއްޖޭގެ އޭވިއޭޝަން ދާއިރާ އަދި އެމްއޭސީއެލްއަށް ބޭނުންވާ އެކި ދާއިރާތަކުން މީހުން ބިނާކޮށް, ވަޒީފާގައި ތިބި މުވައްޒަފުންގެ ހުނަރު ތަރައްޤީކުރުމަށާއި އޭވިއޭޝަން ދާއިރާ މިހާރަށްވުރެ ވަރުގަދަ ކުރުމަށް އެމްއޭސީއެލް އިން ކުރަމުން އަންނަ މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް ކަމަށެވެ.