Last Updated: July 5, 19:14
Sunday, July 5, 2026
ޚަބަރު

ހަންކެޑެގައި ޓޫރިޒަމްގެ އާ މަޝްރޫއެއް ހިންގަނީ

ހަންކެޑެ ބްރިޖް ސަރަހައްދު މަތިން ފެންނަ ގޮތް: ފޮޓޯ/ އަލީ ނާސިރު

އައްޑޫސިޓީގެ ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި ނިންމުމާއެކު، ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި ޤަރާރު އުވާލާފައިވާ ކަމަށެވެ.

ރައީސްގެ މި ނިންމެވުމާއެކު ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގުމަށް އެ ރަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓާ ހަވާލުކޮށްފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.

ހަންކެޑެގައި ކުރިއަށްގެންދަން ނިންމާފައިވާ ޓޫރިޒަމްގެ އާ މަޝްރޫއުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ހަންކެޑެ އަކީ ހަލާލް ޓޫރިޒަމް ތަރައްގީ ކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން މި އަހަރުގެ ތެރޭގައި ނިންމާފައިވެ އެވެ. އެ ނިންމުމަށް މަޖިލީހުގައި އައްޑޫ ތަމްސީލުކުރައްވާ ޕީއެންސީގެ ބައެއް މެމްބަރުން ވެސް ދެކޮޅު ހަދާފައިވެ އެވެ.

އަދި ހަންކެޑެ އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް މަޝްރޫއުގެ ބިންގާ މި ސަރުކާރުން އޭޕްރީލް 16، 2024 ގައި އަޅާފައިވެ އެވެ. ނަމަވެސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މިހާތަނަށް ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ.

އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެވެ.

ހަންކެޑެގައި ޓޫރިޒަމްގެ އާ މަޝްރޫއެއް ހިންގުމަށް ނިންމާފައިވާއިރު، އައްޑޫގައި ގިނަ ދުވަސްތަކެއް ވަންދެން ބަންދުކޮށްފައި އޮތް ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމުމުގެ ކުރިން ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.