Last Updated: July 5, 19:14
Sunday, July 5, 2026
ޚަބަރު

ކަންބޮޑު ނުވޭ، ދަރަނި ދައްކައި ހުރިހާ ވައުދެއް ފުއްދާނަން

ޕީއެންސީން ބޭއްވި ހަރުގެ ޖަލްސާގެ ތެރެއިން - ފޮޓޯ: ޕީއެންސީ

ދަރަނި ދައްކައި ރައްޔިތުންނަށް ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެސް ފުއްދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެކި ދާއިރާތަކުން އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދުމުގެ މަސައްކަތް ވަޒީރުންނާއި ސަރުކާރުގެ ކުންފުނިތަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި ރައްޔިތުންގެ ތާއީދާއެކު ކުރަމުންދާ ކަމަށާއި އެ ހުރިހާ ވައުދެއް ފުއްދާނެ ކަމަށެވެ.

"އަޅުގަނޑު ރައްޔިތުންނަށްވީ ހުރިހާ ވައުދެއް ހަނދާން އެބަހުއްޓޭ. ރައްޔިތުން ގާތުގައި އަޅުގަނޑު ދަންނަވާ ކޮންމެ ކަމެއް ދަންނަވަނީ ތެދުވެރި ނިޔަތެއްގައި، އިހުލާސްތެރިކަމާއެކު އެކަމެއް ކޮށްދިނުމަށްޓަކާ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް މަޝްރޫއުތަކެއް ފެށިގެން ކުރިއަށްދާ ކަމަށާއި މީގެތެރޭގައި އެތައް ޒަމާންތަކެއް ވަންދެން އަޅާނުލުމުގެ ސަބަބުން ނުވެފައި ހުރި ކަންކަން ވެސް އެބަހުރި ކަމަށެވެ. އަދި މި ސަރުކާރުން ރައްޔިތުންނަށް ތަފާތު ނުކުރާނެ ކަމަށާއި ކޮންމެ ރައްޔިތެއް ވެސް މި ސަރުކާރަށް މުހިއްމު ކަމަށް ރައީސް ވިދާޅުވި އެވެ.

މި މި ހުރިހާ ކަމެއް ކުރަމުންދަނީ ސަރުކާރަށް ވާރުތަވި އިނދަޖެހިފައި އޮތް އިގްތިސާދު ކޮޅަށް ޖަހަމުން ކަމަށާއި ސަރުކާރުގެ އިގްތިސާދީ ދުވެލި މިހާރު ހުރީ ވަރަށް ރަނގަޅު ސްޕީޑެއްގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ރާއްޖެއިން ދައްކަންޖެހޭ ދަރަނިތައް ވެސް ދައްކަމުންދާނެ ކަމަށާއި ޗައިނާއަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުން ފަސްކޮށްދިނުމުގެ ކަންކަން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްވެސް ވަރަކަށް އަޅުގަނޑުމެން ކަންބޮޑުވެ، ހާސްވާންޖެހޭ ގޮތަކަށް ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ރާއްޖެއިން ކުރިއަށް އޮތް ތަނުގައި ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް ވެސް ޕްލޭންތައް ހަދަމުންދާ ކަމަށާއި އެއްވެސް ކަންބޮޑުވުމެއް ނެތި އެކަންކަން ހަމަޖައްސާނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ރައްޔިތުން ބިކަ ހާލުގައި ނުޖައްސާނެ ކަމަށް ވައުދުތައް ފުއްދުމުގެ ކަންކަން ސަރުކާރުން ކުރިއަށްގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.