Last Updated: July 5, 19:14
Sunday, July 5, 2026
ޚަބަރު

އެމްޑީޕީން އެއްވުމެއް ބޭއްވިޔަސް ޕީއެންސީ ތުރުތުރެއް ނާޅާނެ

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު - ފޮޓޯ: ޕީއެންސީ

އެމްޑީޕީން މާލޭގައި މާދަމާ އެއްވުމެއް ބޭއްވިޔަސް އެކަމާ ޕީއެންސީން ތުރުތުރުޅެއް ނާޅާނެ ކަމަށް ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ ހަރުގެ ޖަލްސާގައި ވާހަކަދައްކަމުން ސައްތާރު ވިދާޅުވީ އެމްޑީޕީއަށް ކުރެވޭނެ އެއްކަމެއް ވެސް ނޯންނާނެ ކަމަށާއި އެ ޕާޓީގެ މެމްބަރުން މާލޭގެ މަގުތަކުގައި ހިނގިއްޔާ ކެނޑޭނީ ފައިވާނުން ވަދު ކަމަށެވެ. އަދި ޕީއެންސީގެ ވެރިކަން ވައްޓާ ނުލެވޭނެ ކަމަށާއި އެމްޑީޕީން ޖަހާ ސަކަރާތަކުން ކަހެރުވަކެކޭ ވެސް ހީނުވާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން އޮތީ ތިޔަ ބޭފުޅުންގެ (އެމްޑީޕީ) ތި އެއްވުން މިހާރުއްސުރެން ކެންސަލް ކޮށްލައްވާށޭ. ތިޔަކުން އަޅުގަނޑުމެންގެ މޭ ތުރުތުރެއް ނާޅައޭ،" ސައްތާރު ވިދާޅުވި އެވެ.

ސައްތާރު ވިދާޅުވީ ވޭތުވެދިޔަ ތަނުގައި ރާއްޖެ "ލޫޓުވާލި" އެންމެންނާއި ދޭތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އަދި ގައުމު ލޫޓުވާލާފައި "ވަގުންނަށް" މިއަދު ފިލައި ނުތިބޭނެ ކަމަށާއި މި ސަރުކާރުން ވައުދުތައް ފުއްދާފައި ކުރިއަށް އޮތް ދެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބުކުރާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.

އެމްޑީޕީން މާދަމާ މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު، އެ މުޒާހަރާގައި ކުށްކުރާ ގްރޫޕްތައް ނެރެގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ ފުލުހުންގެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.