Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޔޫއްޕެ ޕީއެންސީ އަށް ސޮއިކޮށްފި

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ސޮއިކޮށްފި އެވެ.

އޭނަ އެ ޕާޓީ އަށް ސޮއިކޮށް ފޯމް ހަވާލުކުރީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގެ ތެރޭގަ އެވެ. ޔޫއްޕެ މެމްބަޝިޕް ފޯމާ ހަވާލުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

ރާއްޖޭގެ އެންމެ މަގުބޫލު ފިލްމީ ތަރިންގެ ތެރޭގައި ހިމެނޭ ޔޫއްޕެ ޕީއެންސީ އަށް ސޮއިކުރި އިރު، އޭނަ ކުރިން ޖުމްހޫރީ ޕާޓީގައި ވެސް އުޅުނެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ޔޫއްޕެގެ އެންމެ ފަހުގެ ފިލްމަކީ މަޝްހޫރު ޑައިރެކްޓަރު ފާތުމަތު ނަހުލާ މިދިޔަ ޖޫން މަހު ގެނެސްދިން "ސޮރީ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އޭނަ ލިޔެ، ޑައިރެކްޓްކޮށް އަދި ކުޅެ މި މަހުގެ 20 ގައި ގެނެސްދޭން ހަމަޖެހިފައިވާ "އިލްޒާމް" އެވެ. އަދި އަންނަ އަންނަ މަހުގެ 5 ގައި އަޅުވާ ކޮމެޑީ ފިލްމު "ކޮސް ގިނަ މިސްޓޭކް" އިން ވެސް ޔޫއްޕެ ފެންނާނެ އެވެ.


މި އަހަރު ބެލުންތެރިންނާ ހަމައަށް އައި ޔޫއްޕެގެ ފުރަތަމަ ފިލްމަކީ އެޕްރީލްގައި އެޅުވި "އަބަދަށް" އެވެ.

ޔޫއްޕެ އަކީ އެކްޓަރެއްގެ ގޮތުން ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ސްކްރީން ރައިޓަރެއް ވެސް މެ އެވެ.