Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

24،000 އަށް ވުރެ ގިނަ މީހުން ސްކްރީންކޮށްފި

ޕްރައިމަރީ ހެލްތު ކެއާ ނިޒާމްގެ ތެރެއިން މިދިޔަ މަހުގެ ނިޔަލަށް ޖުމްލަ 24،773 މީހުން ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީން ކޮށްފައިވާކަމަށް ހެލްތު ޕްރޮޓަކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ޕްރައިމަރީ ހެލްތު ކެއާ ނިޒާމަކީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށާއި ސްކްރީންކޮށް ބަލި ދެނެގަތުމަށާއި، ބޮޑުވަރު ވިޔަނުދީ ބެލެހެއްޓުމަށް ބާރުއަޅައި، ބަލިމީހުންނާއި އެމީހުންގެ އާއިލާތަކާއެކު މަސައްކަތްކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށް ހިންގޭ ޞިއްޙީ ޚިދުމަތުގެ ނިޒާމެވެ.

އެޗްޕީއޭ އިން ބުނީ އަތޮޅުތަކުގައި ޕްރައިމަރީ ހެލްތު ކެއާ ނިޒާމް ހަރުދަނާކުރުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ޖުމްލަ 11 އަތޮޅެއްގެ ޞިއްޙީ ދާއިރާގެ ގިނަ ޚިދުމަތްތެރިންނަށް ކަމާ ގުޅޭ ތަމްރީނުތައް ދީފައިވާ ކަމަށެވެ. އެއީ ފ، އދ، ނ، ޅ، ތ، މ، ބ، ދ، ރ، ގދ، ފުވައްމުލެކެވެ.

ބާކީ ހުރި އަތޮޅުތަކުގެ ތަމްރީނުތައް އަންނަ އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ނިންމުމަށް އޮތީ ރާވައިފަ އެވެ. އަދި މިހާރު މަސައްކަތް ފަށާފައިވާ އަތޮޅުތަކުގައި އުމުރުން 35 އަހަރުން މަތީގެ މީހުން ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށް އެ މައުލޫމާތުތައް ބެލެހެއްޓެމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

އެޗްޕީއޭ އިން ބުނީ މަހުގެ ނިޔަލަށް 11 އަތޮޅަކުން 24،773 މީހުން ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީންކޮށްފައިވާ އިރު، އޭގެ ތެރެެއިން 4،461 މީހުންނަކީ ލޭމައްޗަށް ދާ މީހުން ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް ނިސްބަތުން ގިނަވެ، މަރުވާ މީހުންގެ 84 ޕަސެންޓަކީ އެދަ ބަލިތައް ތަޙައްމަލު ކުރާ މީހުންނެވެ. ޚާއްސަކޮށް ރާއްޖޭގައި ކެންސަރާ ކިޑްނީ ބައްޔާއި ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން ދަނީ އިތުރުވަމުންނެވެ.

ޕްރައިމަރީ ހެލްތު ކެއާ ނިޒާމް ވަރުގަދަކުރުމަށް ފަށާފައިވާ ޕްރޮގްރާމުގައި އާންމު ބަލިތަކުގެ ހާލަތު ދެނެގަތުމަށްޓަކައި 18 އަހަރުން މަތީގެ ކޮންމެ ރައްޔިތެއްގެ މެޑިކަލް ހިސްޓްރީ ނަގަށް ހަމަޖެހިފައިވެ އެވެ.

އެ މެޑިކަލް ހިސްޓްރީގައި ކޮންމެ ރައްޔިތެއްގެ ވެސް މިހާތަނަށް ކުރެވުނު ބޭސްފަރުވާގެ މަޢުލޫމާތު ރިކޯޑުކުރެވޭނެ އެވެ.
.