ބަންދުކޮށްފައި އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ އައްޑޫ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ މި އަހަރުގެ ނިމުމުގެ ކުރިން ހުޅުވާނެ ކަމަށް ސަރުކާރުންނާއި ޝަންގްރިއްލާ ގްރޫޕުން އިއުލާން ކުރުމުން ކަންކަން އޮޅުވައިލަން މަސައްކަތް ކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ރައްދު ދެއްވައިފި އެވެ.
އޭނަ ވިދާޅުވީ އެ ރިސޯޓު އަލުންހުޅުވަން ކުންފުނިން ނިންމިކަމީ އެންމެން އުފާކުރަން ޖެހޭ ކަމެއް. ކަމަށެވެ. އެހެންވެ މިއީ ޝަބްގްރިއްލާ ގްރޫޕާ ގުޅޭ ގޮތުން ރައްޔިތުންނަށް ޙަޤީޤަތް އޮޅޭ ގޮތަށް ވާހަކަ ދައްކަންވީ ވަގުތެއް ނޫން ކަމަށް ކުރިން ގިނަ ދުވަސްތަކެއް ވަންދެން ޝަންގްރިއްލާ ރިސޯޓްގެ އިސް މަގާމެއް އަދާކުރެއްވި މެންބަރު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވި އެވެ.
"މިއަދު އިއްޔެ ގެ ވަގުތެއްގައި ބަޔަކު ވަނީ މީސްމީޑިއާގައި ޝަންގްރިލާ ރިސޯޓު ބަންދުކޮށް އެ ވަގުތު ވެބްސައިޓަށް ރިސޯޓް ބަންދުކުރިކަން އަންގައިދޭ ޕޭޖެއްގެ ޙަޤީޤަތް އޮ ޅޭގޮތަށް ފަތުރާފައި،" ނިޒާރު ވިދާޅުވި އެވެ. "މިއީ ގަސްތުގައި ކަންކަން އޮޅުވާލަން ކުރާ މަސައްކަތް. އެކުންފުނިން މިހާރު ވަނީ އެ ޕެ ޕޭޖްވެސް އަޕްޑޭޓް ކޮށްފައި."
އޭނަ ވިދާޅުވީ ބަންދުކުރިތާ ފަސް އަހަރު ފަހުން ކުންފުނިން ރިސޯޓް އަލުން ހުޅުވަން ނިންމިކަމީ އަދުގެ ސަރުކާރުން ކުރި ބުރަމަސައްކަތުގެ ފޮނި ނަތީޖާ ކަމަށެވެ. އަދި މިއީ އެ ރިސޯޓު ހިންގި އައްޑޫ އިންވެސްޓްމަންޓް ކުންފުނީގައި އޮތް ސަރުކާރުގެ 30 ޙިއްޞާ ހިލޭ ދޫކޮށްލައިގެން ވެސް ކުރީ ސަރުކާރަށް ކުރަން ނޭނުގުނު ކަމެއް ކަމަށް ވިދާޅުވެ، ކުރީގެ ސަރުކާރަށް ނިޒާރު ފާޑު ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އައްޑޫގައި ޝަންގްރިލާއިން ހިންގި ރިސޯޓު އަލުން ހުޅުވާނެ. މިކަން ޙަޤީޤަތަކަށް ހަދަން ރައީސް ކުރެއްވީ އިޚުލާސްތެރި މަސައްކަތެއް،" އޭނަ ވިދާޅުވި އެވެ. "ކާމިޔާބަކީ އިޚުލާސްތެރިކަމާއި ހެޔޮހިތުން މަސައްކަތް ކުރާ ފަރާތްތަކަށް މާތްﷲ ދެއްވާއެއްޗެއް."
ދެހާސް ނުވައެއްގައި ހުޅުވި ޝަންގްރިއްލާ ރިސޯޓް އެންޑް ސްޕާ ބަންދުކުރީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި 2020 ގެ ތެރޭގަ އެވެ.
އެތަން އަލުން އޮޕަރޭޝަނަށް އަންނަ ޑިސެމްބަރު މަހުގެ 31 ގައި ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ފަށާނެ ކަމަށް ޝަންގްރިއްލާ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ގަން އެއާޕޯޓުން ލޯންޗްގައި ފަސްވަރަކަށް މިނިޓުން ދެވޭހާ ކައިރީގައި އޮންނަ ޝަންގްރިއްލާ ވިލިގިލި ރިސޯޓަކީ 284 އެނދުގެ ރިސޯޓެކެވެ. ދެހާސް އަށެއްގައި ހުޅުވި ރިސޯޓްގައި 60 ވޯޓަރ ވިލާ، 26 ބީޗް ވިލާ، 28 ޕޫލް ވިލާ، 16 ޓްރީ ހައުސް ވިލާގެ އިތުރުން ދެ ޕްރެޒިޑެންޝަން ވިލާ ވެސް ހުރެ އެވެ.
ޝަންގްރިއްލާ ރިސޯޓަކީ ގޮލްފް ކޯހެއް ވެސް އޮންނަ ރިސޯޓެކެވެ.