ގާޒާގައި ބަނޑަށް ޖެހިފައިވާ މީހުންނަށް އެތައް އިންސާނީ އެހީ ހިފައިގެން ކަނޑުމަގުން ދަތުރު ފެށި 'ގްލޯބަލް ސުމުދް ފްލޮޓީލާ' އަށް އިޒްރޭލުން ހުރަސް އެޅުން ކުށްވެރި ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅައިފި އެވެ.
އެ މައްސަލަ ހުށަހެޅުއްވީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު، މައުރޫފް ޒާކިރެވެ.
އޭނަ ހުށަހެޅުއްވިމައްސަލައިގައި ގޮވާލާފައި ވަނީ އިންސާނީ އެހީ އާއި ބޭސް ހިފައިގެން ގާޒާއަށް ކަނޑުމަގުން ދަތުރުކުރަމުން އަންނަ ފްލޮޓޮލާ އަށް އިޒްރޭލުން ހުރަސް އެޅުމުން އެކަން ދިވެހި ދައުލަތުން ކުށްވެރި ކުރުމަށެވެ. އެ ދަތުރުގައި ދެ ދިވެއްސަކު ވެސް ބައިވެރިވާ ކަމަށާއި އެ މީހުންނަށް އެހީތެރިވުމަށް ދިވެހި ސަރުކާރުން ކުރެވޭނީ ކޮން ކަމެއްތޯ ބެލުމަށް ވެސްކުއްލި މައްސަލައިގައި ގޮވާލައިފައިވެ އެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 57 މެންބަރުންގެ އިއްތިފާގުންނެވެ.