ވެރިކަމުގެ ދައުރު ނިންމަވާލެއްވި އިރު، ނުހައްގުން ރައްޔިތުންގެ ލޯލާރިއެއްގައި ޖެހިވަޑައިގެންފައި ނުވާނެ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީ "ފަށާއިރު" ޕްރޮގްރާގައި މެހުމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން އެ މަނިކުފާނު ވިދާޅުވީ ޖަވާބުދާރީ ނުވެވޭ ވަރުގެ އެއްވެސް ކަމެއް ވެސް ކުރައްވާފައި ނޯންނާނެ ކަމަށެވެ.
އިބޫގެ ވެރިކަމުގެ ފެނަކަ އިން ހިންގާފައިވާކަމުގެ ބޮޑެތި ކޮރަޕްޝަންގެ ވާހަކަތަކެއް ދާދި ފަހުން ނެރުނު އޮޑިޓް ރިޕޯޓަކުން ތިލަވެފައިވާ އިރު، އެ މަނިކުފާނު ވިދާޅުވީ ވެރިކަމުގެ ތެރޭގައި ކުރައްވާފައިވާ ކޮންމެ ކަމަކާއި، އަޅުއްވާފައިވާ ކޮންމެ ފިޔަވަޅަކާ މެދު ވެސް، ކޮންމެ ތަނެއްގައި ވެސް އެމަނިކުފާނަށް ޖަވާބުދާރީވެވޭނެ ކަމަށެވެ.
އިބޫ ވިދާޅުވީ ދައުލަތުގެ ފައިސާ، ނުވަތަ ރައްޔިތުންގެ ފައިސާގެ ތެރެއިން ލޯ ލާރިއެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށާއި ވެރިކަމުގައި ހުންނެވިއިރު ވެސް، އަދި އޭގެ ކުރިން ވެސް އެފަދަ ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށެވެ.
ހަމަ އެހެންމެ ފެނަކަ ކޯޕަރޭޝަންގެ އޮޑިޓް ރިޕޯޓަށް އިޝާރާތް ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، ފެނަަކައިގެ ތެރެއިން އެމަނިކުފާނަށް އެއްވެސް ފައިދާއެއް، ނުވަތަ ފައިސާއެއް ލިބިވަޑައިގެންފައި ނުވާނެ ކަމަށެވެ. އެކަން ފާހަަގަ ކުރައްވައި ރައީސް ޞާލިޙު ވިދާޅުވީ، ފެނަކައާ ގުޅިގެން ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ސިޔާސީ ކުލަ ޖެހިފައިވާ ކަމަށާއި، އެކަމުގެ އެއް ސަބަބަކީ ދަންވަރު ގަޑިއެއްގައި އެ ރިޕޯޓު ނެެރެފައިވުން ކަމަށެވެ.
"އެއްވެސް ކަހަލަ، އެއްވެސް ކަހަލަ ބެނެފިޓެއް، ފައިދާއެއް، ފައިސާއެއް އަޅުގަނޑާ ހިސާބަށް އައިސްފައި ނޯންނާނެ. ދެން ފެނަކައާ ބެހޭ ގޮތުން އަޅުގަނޑު ކުރިން ވެސް ދެންނެވި ފަދައިން އޮޑިޓް ރިޕޯޓެއް މިއޮތީ ނެރެފައި،" އިބޫ ވިދާޅުވި އެވެ. "އޭގައި ސިޔާސީ ކުލަ ޖެހިފައި އޮތްކަން އަޅުގަނޑު މި ދެންނެވިހެން ފާހަގަވާ އެއް ސަބަބަކީ، އެ ދެންވަރު ދަޅާގައި އޮޑިޓް އޮފީހުން އެ ރިޕޯޓު ނެރުން އެއް ސަބަބަކީ."
އެ މަނިކުފާނު ވިދާޅުވީ މާ ކުރިން ކުރިން ފެށިގެން ވެސް ސަރުކާރު ނުވަތަ ދައުލަތުގައި ކޮރަޕްޝަން މޫލާފައި އޮތް ކަމަށެވެ. އަދި ވަރަށް ގިނަ އަދި ވަރަށް ބައިވަރު މަސައްކަތް ކޮށްގެން ނޫނީ އެކަމުން އަރައި ނުގަނެވޭނެ ކަމަށް ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ކޮރަޕްޝަން ނައްތާލުމަށްޓަކައި މިނިވަން ޖުޑިޝަރީއެއް ވެސް ބޭނުންވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ޖުޑިޝަރީ އަށް އިތުބާރު ހޯދިފައި އޮތް ކަމަށް ވިދާޅުވި އެވެ. އެކަމަކު މިހާރު ކަންކަން ހިނގަމުންދާ ގޮތުން ޖުޑިޝަރީ އަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށް ވިދާޅުވި އެވެ.