Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

އެމްއެސްއެމްއީ އެވޯޑަށް މުއްދަތު އިތުރުކޮށްފި

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް އަށް ކުރިމަތިލާން ދިން މުއްދަތު އިތުރުކޮށްފި އެވެ.

ބިޒްނެސް ސެންޓަ ކޯޕަރޭޝަން (ބީސީސީ) އިން ބުނީ އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މިހާރު މި މަހުގެ 9 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. ސުންގަޑި ހަމަވާނީ އެ ދުވަހުގެ ދަންވަރު 11:59 އަށެވެ. އެވޯޑަށް ކުރިމަތިލާނީ މި ޕޯޓަލް ޕޯޓަލް msme.bcc.mv މެދުވެރިކޮށެވެ.

މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑްސް އަށް ކުރިމަތިލާން ފުރަތަމަ ދިން މުއްދަތު ހަމަވީ މިއަދަށެވެ. އެ ފުުރުސަތު ކުރިން ހުޅުވައިލީ މިދިޔަ މަހުގެ 3 ގަ އެވެ.

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން، އިކޮނޮމިކް މިނިސްޓްރީގެ އިސްނެގުމަށް ބީސީސީން މި އެވޯޑް އިއުލާންކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ.

މި އެވޯޑަކީ ވިޔަފާރީގެ ރޮނގުން ޚާއްސަ ކާމިޔާބީތައް ހޯދާ ފަރާތްތައް ފާހަގަކުރުމަށްޓަކައި، އަހަރަކު އެއް ފަހަރު ދޭން ނިންމާފައިވާ އެވޯޑެކެވެ. އެގޮތުން ފަނޑިޔާރުން ހޮވާ 13 ގިންތިއަކާއި، ޢާންމުންގެ މަޤުބޫލުކަމާއެކު ހޮވާ 11 ގިންތިއަކަށް ފޯމު ހުށަހެޅޭނެ އެވެ.