އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޒުބީން ގަރްގް މަރުވި ހާދިސާއާ ގުޅިގެން އޭނަގެ މެނޭޖަރު ސިދާތާ ޝަރުމާ ހައްޔަރުކޮށްފި އެވެ.
މީޑިއާތަކުން ބުނީ ސިންގަޕޫރްގައި ބާއްވަން ރޭވި ނޯތު އީސްޓް އިންޑިއާ އިންފެސްޓިވަލް އެންއީއައިއެފް) ގައި ފަޕޯމް ކުރަން ގޮސް އުޅެނިކޮށް މިދިޔަ މަހުގެ 19 ވަނަ ދުވަހު ގެނބިގެން ޒުބީން މަރުވި ހާދިސާއާ ގުޅިގެން މެނޭޖަރުގެ އިތުރުން ފެސްޓިވަލް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުނު ޝިއަމްކަނޫ މަހަންތާ ވެސް ހައްޔަރުކޮށްފައިވާ ކަމަށެވެ.
މަހަންތާ ހައްޔަރުކުރީ ސިންގަޕޫރްގައި ހުރެފައި އިންޑިއާ އަށް ދިޔަ ތަނުން ދިއްލީގެ އިންދިރާ ގާންދީ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ސިދާތާއި މަހަންތާ ހައްޔަރުކޮށް ގުވާހަޓީ އަށް ގެންގޮސް ޒުބީންގެ މަރާ ގުޅޭ ތަހުގީގަށް އެ މީހުންގެ ބަޔާން ވެސް ނަގަން ނިންމާފައިވާ އިރު، ދެ މީހުން ވެސް މިހާރު ތިބީ ރިމާންޑް ޖަލެއްގައި ބަންދުކޮށްފަ އެވެ. ބަންދަށް ކޯޓުން ވަނީ 14 ދުވަސް ޖަހައިފަ އެވެ.
އާސަމަށް ނިސްބަތްވާ ލަވަކިޔުންތެރިޔާގެ މަރުގައި ޝައްކު ކުރެވޭ ޒާތުގެ ކަންތައްތަކެއްވާ ކަމަށް ބެލެވޭތީ އާސާމްގެ ސަރުކާރުން ވަނީ އެ މައްސަލަ ބަލަން 10 މެންބަރުންގެ ހާއްސަ ތަހުގީގެއް ޓީމެއް ވެސް އެކުލަވާލައިފަ އެވެ.
ޒުބީންގެ ހަށިގަނޑު އިންޑިއާ އަށް ގެންގޮސް ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވާފައި ވަނީ މިދިޔަ މަހުގެ 23 ގައި އާސާމްގެ ކާމްރޫޕް ޑިސްޓްރިކްޓްގަ އެވެ.
ބޮލީވުޑްގެ ބައެއް ފިލްމުތަކަށް ވެސް ލަވަކިޔާފައިވާ ޒުބީން، 52، ގެ އެންމެ ފާހަގަކޮށްލެވޭ ހިންދީ ލަވަ އަކީ އިމްރާން ހާޝިމީއާ އެކު ކަންގަނާ ރަނަވާތު ބޮލީވުޑަށް ތައާރަފުވި 2006 ގެ ފިލްމު "ގޭންގްސްޓާ" ގެ "ޔާ އަލީ" އެވެ.