Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހަންކެޑެ ޕްރޮޖެކްޓާ ގުޅޭ ނިންމުމަށް މޭޔަރުގެ ނުރުހުން!

އައްޑޫ ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާ މޮޑެލް އަށް މި ސަރުކާރުން އަނެއްކާ ވެސް ބަަދަލު ގެނައުމާ ގުޅިގެން މޭޔަރު އަލީ ނިޒާރު ފާޑު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރަކުން ނިންމާފައި ވަނީ ހަންކެޑެ ޓޫރިޒަމަށް ތަރައްގީ ކުރުމުގެ މަސައްކަތް އަވަސް ކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދޭން ޑިސެންބަރު 2، 2021 ގައި އެކަށައެޅުއްވި ޤަރާރު އުވައިލުމަށެވެ.

އަދި ރައީސްގެ މި ނިންމެވުމާއެކު ޓޫރިޒަންގެ އާ މަޝްރޫއެއް ހިންގުމަށް ހަންކެޑެ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެ އެވެ.

ސަރުކާރުގެ އެ ނިންމުމާ ހިތްހަމަޖެހިވަޑައިނުގެން މޭޔަރު ނިޒާރު މިއަދު ސޯޝަލް މީޑިއާގައި ވަނީ ހަންޑެކެ ތަރައްގީ ކުރުމުގެ މަޝްރޫއަށް ގެންނަން ނިންމި ބަދަލާއެކު 1،100 ކޮޓަރީގެ ވިސްނުމުން 50 ކޮޓަރީގެ ވިސްނުމަށް ބަދަލުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ޕީއެންސީ ސަރުކާރާ އެކު ހޭދާވާ ކޮންމެ ދުވަހަކީ އައްޑޫ ސިޓީގެ ތަރައްގީގެ ޕްލޭންތަކަށް ހިޔަނި އެޅޭ ދުވަހެއް." އޭނަ ވިދާޅުވި އެވެ.

ހަންކެޑެ އަކީ އެންމެ ފުރަތަމަ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން އުޅުނު ތަނެކެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމާއި އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެތަން ސިޓީ ހޮޓަލެއްގެ ގޮތުގައި ތަރައްގީ ކުރުމުގެ ވާހަތަކެއް ވެސް ދެކެވުނެވެ.

މިދިޔަ ސަރުކާރުގައި ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ޕްލޭންކުރި ނަމަވެސް ވެރިކަން ނިމުނީ އެކަން ނުވެ އެވެ. އެކަމަކު މި ސަރުކާރުން އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ ގޮތުން އެޕްރީލް 15، 2024 ވަނަ ދުވަހުގެ ރޭ ހާއްސަ ރަސްމިއްޔާތަކާ އެކު ޕްރޮޖެކްޓް އިފުތިތާހު ވެސް ކުރި އެވެ.

އޭގެ ފަހުން އެެއްވެސް މަސައްކަތެއް ނުފެށި އޮއްވައި ހަންކެޑެ ހަލާލު ޓޫރިޒަމަށް ހާއްސަ ކުރަން މިދިިޔަ ޖޫން މަހުގެ ތެރޭގައި ސަރުކާރުން ނިންމި އެވެ.