ގައުމީ ޤުރުއާން ކިޔެވުމުގެ ޤައުމީ ޤުރުއާން މުބާރާތުގެ ގޮފިތަކުން އެއް ވަނަ ހޯދާ ބައިވެރިންނަށް 75،000ރ. ދޭނެ ކަމަށް އިސްލާމިޖް މިނިސްޓްރީން ބުނެފި އެވެ.
ޤައުމީ ޤުރުއާން މުބާރާތް ބާއްވަނީ ޙާފިޒުންގެ ގޮތްޕާއި ނުބަލައި ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ގޮފ ހިމެނޭ ގޮތަށެވެ. މި އަހަރު ބޭއްވީ މި މުބާރާތުގެ 37 ވަނަ މުބާރާތެވެ. އެއީ މިދިޔަ މަހުގެ 18-26 އަށެވެ.
އިސްލާމިކް މިނިސްޓަރު ޑޜ. މުހައްމަދު ޝަހީމު އަލީ ސައީދު މިއަދު ވިދާޅުވީ މުބާރާތުގެ ކޮންމެ ގޮތްޕަކުން 2 ވަނައަށް އަންނަ ބައިވެރިއަކަށް 50،000ރ. އަދި ކޮންމެ ގޮތްޕަކުން 3 ވަނައަށް އަންނަ ބައިވެރިއަކަށް 35،000ރ. ގެ އިނާމު ދޭނެ ކަމަށެވެ.
ޤައުމީ ޤުރްއާން މުބާރާތުގެ މައި އިނާމުގެ ގޮތުގައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމުތަކެވެ. ވުޒާރާގެ އިނާމުތަކަކީ އިތުރަށް ދެވޭ އިނާމްތަކެވެ. މީގެ އިތުރަށް އުމްރާދަތުރުތައް ވެސް އިނާމުގެ ގޮތުގައި ހިމެނެ އެވެ.
މުބާރާތުގެ ގޮފިތަކުން އެއް ވަނަ ހޯދާ ބައިވެރިންނަށް ރައީސުލްޖުމްހުރިއްޔާ ވަނީ ބޭނުން ދާއިރާއަކުން ބޭނުން ގައުމަކުން ކިޔަވަން ޕީއެޗްޑީއާ ހަމައަށް ސްކޮލަޝިޕް ދޭން ނިންމައިފަ އެވެ.
މި އަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރާނީ މި މަހުގެ 11 ގަ އެވެ.