Last Updated: May 2, 12:12
Thursday, May 2, 2024
ޚަބަރު

"ހަ މަސް ދުވަހުގެ ތެރޭގައި ފޭދު އާއި މަރަދޫފޭދޫގައި ފެންބޮޑުވާ މައްސަލަ ހައްލުކުރެވޭނެ"

ކާނުތައް ސާފުކުރުމުގެ މަސައްކަތް ފޭދޫ ޒުވާނުންނާއި އެމްއާރްޑީސީ އން ކުރަނީ. އައްޑޫލައިވް ފޮޓޯ: ހަނީން

އައްޑޫ ސިޓީ ފޭދޫ އާއި މަރަދޫފޭދޫގައި ވިއްސާރަވުމުން ފެންބޮޑުވާ މައްސަލަ 6 މަސް ދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމް ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

ދިޓީވީގެ "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ މިދިޔަ މަހުގެ ފަހުކޮޅު އައްޑު އަށް ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެން ބޮޑުވި ފޭދު އާއި މަރަދޫފޭދޫގެ ފެން ބޮޑުވާ ސަރަހައްދުތަކުގެ އެސެސްމަންޓް ރިޕޯޓެއް ތައްޔާރުކޮށް ރައީސަށް ހުށަހެޅުމުން، ފެން ބޮޑުވާ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށެވެ.

"…ރައީސް އެކަމަށް [ފެން ބޮޑުވާ މައްސަލަ އަށް] ދާއިމީ ހައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާނެ ކަމުގައި މިނިސްޓަރު ވެސް ވަނީ އަޅުގަނޑަށް ދެއްވާފައި،" އިބްރާހީމް ދީދީ ވިދާޅުވި އެވެ.

އައިބީ ވިދާޅުވި ގޮތުގައި ބޮޑެތި ބައެއް މަސައްކަތްތަކަކީ ވަގުތު ވެސް ނަގާނެ ކަންކަން ކަމަށެވެ.

ވިއްސާރަވުމުން އައްޑޫގެ އަަވަށްތަކުގައި ފެންބޮޑުވާ މައްސަލަ ހައްލު ކުރުމަށް ހައުސިން މިނިސްޓްރީން ވެސް މަސައްކަތްތަކެއް ކުރިއަށް ގެންދަން ވަނީ ނިންމާފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން ވެސް ބުނެފައިވާ ގޮތުގައި ރަށު ތެރޭގައި ފެންބޮޑުވާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން އަންނަ އަހަރު ކައުންސިލްގެ ބަޖެޓުން މަސައްކަތްތަކެއް ކުރަން ވަނީ ނިންމާފައެވެ.