Last Updated: June 6, 06:06
Saturday, June 6, 2026
ޚަބަރު

މުޒާހަރާތަކަށް ނުކުންނަ އިރު ވިސްނާލާ!

ޑިމޮކުރަޓިކް ވެށްޓެއްގައި ރައްޔިތުންގެ ވިންދު ނޭނގޭ ބަޔަކަށް އެ ވިންދު ޖަހަމުންދާ ގޮތް އަންގައި ދިނުމަށްޓަކައި މުޒާހަރާގެ ހަތިޔާރަކީ މަންފާކުރަނިވި ހަތިޔާރެކެވެ. އެގޮތުން، ރާއްޖޭގައި މުޒާހަރާ ކުރަން ޖެހިފައި ހުރި ކަންތައް ވަރަށް ވެސް ގިނަގުނަ އެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ނުކުންނަންވެއްޖެ އެވެ. މީހުން ކަތިލުމާއި މާރާމާރީއާ ދެކޮޅަށް އަޑުއުފުލަންވެއްޖެ އެވެ. ވައްކަމާއި ކޮރަޕްޝަނާއި ހިޔާނާތާއި ފަސާދައިގެ ބޮޑެތި ޖަރީމާތައް ހިންގާ މީހުންނަށް އިސްލާމީ ޝަރީޢަތުގައިވާ ހައްދުތައް އިއްވައި ތަންފީޛު ކުރުމަށް ބާރުއަޅާ ގޮވާލަންވެއްޖެ އެވެ.

ނަމަވެސް، އަޑުއުފުލާ އިހްތިޖާޖު ކުރަން ނުކުންނަ އިރު ވިސްނާލަން މުހިންމު ނުކުތާތަކެއް އެބަހުއްޓެވެ. އެއްވެސް ހާލެއްގައި މުޒާހަރާކޮށް ޝުޢޫރު ފާޅުކުރަން ކާރުބާރު ބޮޑު މަގުތަކަށް ނުކުތުމަކީ މަޞްލަޙަތު ހުރި ގޮތެއް ނޫނެވެ.

އެގޮތުން، މިނިވަންކަމުގެ އިންފާރު ވަކިކޮށްދޭ ވަރަށް ފުރިހަމަ ބުނުމެއް އޮވެއެވެ. ތިމާގެ މިނިވަންކަން ފެށެނީ އަނެކާގެ މިނިވަންކަން ނިމޭ ހިސާބުންނެވެ." ކާރުބާރު ބޮޑު މަގުތަކަށް ޝުޢޫރު ފާޅުކުރަން ނުކުތުމުގެ ސަބަބުން އެތައް ބައެއްގެ މިނިވަންކަމަށް އަރައިގަނެވެ އެވެ. އެ މަގުތަކުން ހިނގާބިނގާވެ އުޅޭ މީހުންނާއި ދުއްވާފައިދާ މީހުންނަށް މަގުތައް ބަންދުވެގެންދެ އެވެ. އަވަށްޓެރި ފިހާރަތައް ބަންދުކުރަން ޖެހެ އެވެ. އެކަމުގެ ސަބަބުން ވިިޔަފާރިއަށް އެތަކެއް ގެއްލުންތަކެއް ލިބިގެން ދެ އެވެ. އަވަށްޓެރި ގެތަކަށް އުދަނގޫވެ، އެގެތަކުގެ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ނިދި ހަރާބުވެ އެވެ. ކުޑަކުދިން ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ވައްދާލެވެ އެވެ. ގެތަކަށް ވަދެ ނުކުތުމަށް އުދަނގޫވެ އެވެ. އިމްތިޙާނުތަކަށް ކިޔަވާ ކުދިންނަށް ކިޔެވުމަށް ހުރަސް އެޅެއެވެ.

މިގޮތަށް މަގުތަކަށް ނުކުތުމުގެ އެންމެ ފަހު ނަތީޖާއަކަށް ވެގެންދަނީ އަމަންބަލަހައްޓާ ފަރާތްތަކާ މުޒާހަރާ ކުރާ މީހުންނާ ދެމެދުގައި "ހަނގުރާމާގެ" ކުރިމަތިލުންތަކެއް ހިނގުމެވެ. ނަތީޖާއެއްގެ ގޮތުން ފުލުހުންނާއި އާންމުގެ އެތައް ބަޔަކަށް ބޮޑެތި ހާނިއްކަ ވެއެވެ. އަދި މީހުންގެ މުދަލަށާއި ފިހާރަތަކުގެ ބިއްލޫރިތަކަށް އެކަމުގެ ބާރުކުރެއެވެ.

ޚުލާސާކޮށް މި ފާހަގަކޮށްލީ ކާރުބާރު ބޮޑު މަގުތަކުގައި މުޒާހަރާ ކުރުމުން ނުކުންނަ ބައެއް ހިތި ނަތީޖާތަކުގެ ވާހަކަ އެވެ.

މެއި 3، 2011 ގައި ރާއްޖޭގައި ތަކެތީގެ އަގުބޮޑުވުމާ ދެކޮޅަށް ޒުވާނުން އިސްވެ ކުރިޔަށް ގެންދިޔަ ސިލްސިލާ މުޒަހާރާތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ފުލުހުން ބޭއްވިއެވެ. އެ ބައްދަލުވުމުގައި މަޖީދީ މަގުގައި މުޒާހަރާ ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އާޓިފިޝަލް ބީޗާއި ސުނާމީ ބިނާ ސަރަހައްދު ބޭނުން ކުރުމަށް ފުލުހުން އިލްތިމާސްކުރެއްވި އެވެ. އަދި އެތަންތަނުގައި ބާއްވާ މުޒާހަރާތަކަށް ފުލުހުންގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އެ ބައްދަލުވުމުގައި ބުނެފައިވެ އެވެ.

ފުލުހުންގެ ނިންމުމަށް، ޤައުމާމެދު ވިސްނާ ފަރުދެއްގެ ހައިސިއްޔަތުން، އަޅުގަނޑު ފުރިހަމައަށް ތާއީދުކުރަމެވެ. ކުރިން ދެންނެވި މަގުތަކުގައި މުޒާހަރާ ކުރުމުން ނުކުންނަ ހިތި ނަތީޖާގެ މައްޗަށް ބުރަވެއާއި އާޓިފިޝަލް ބީޗު ފަދަ ތަނެއްގައި މުޒާހަރާ ބޭއްވުމުން ލިބިގެންދާނެ ފައިދާ އާއި މަންފާގެ މައްޗަށް ބުރަވުމަށް ފަހުގަ އެވެ.

އެހެނީ މުޒާހަރާތަކުގެ މަޤްސަދަކީ ސަރުކާރަށް ނުވަތަ އެހެންވެސް މުއައްސަސާއަކަށް ރައްޔިތުންގެ ޝުޢޫރު އިއްވާލަ ދިނުމެވެ. މި މަޤުސަދު ހާސިލުވަނީ ނަމަ މުޒާހަރާ އަކީ ކާމިޔާބު މުޒާހަރާއެއް ކަމަށް ބެލެވޭނެ އެވެ. ނަމަވެސް، ބައެއް މީހުން ބުނެފާނެ އެވެ. ކާރުބާރު ބޮޑު މަގުތަކަށް ނުކުމެގެން މެނުވީ ސަރުކާރުން ރައްޔިތުން އަޑުތަކަށް އިޖާބައެއް ނުދޭނެ އެވެ. ނަމަވެސް، މަންޒަރު ފެނިގެންދަނީ މުޅިން އިދިކޮޅަށެވެ.

ޒުވާނުންގެ މުޒާހަރާގައި މަގުތައް މައްޗަށް ނުކުތުމުގެ ސަބަބުން ސަރުކާރުން ވަނީ އެހެން "ބަހަނާއެއް" ދައްކައިފައެވެ. ސަރުކާރުން ބުނަނީ މުޒާހަރާ ކުރަނީ ޒުވާނުންގެ ނަމުގައި އިދިކޮޅު ޕާޓީތަކުގެ މީހުން ކަމަށެވެ. އަދި އެމީހުން އެމުޒާހަރާ ކުރަނީ ސަރުކާރު ވައްޓާލުމުގެ "މަކަރުވެރި" ނިޔަތުގައި ކަމަށެވެ.

ނަމަވެސް، ހުސް ބިންތަކުގައި މުޒާހަރާ ބޭއްވުމުން ސީދާ ޒުވާނުންނަށް އަޑުއުފުލުމުގެ ފުރުސަތު ލިބިގެން ދާނެ އެވެ. އެ މީހުންގެ ޝުޢޫރުތަށް އެއްވެސް އުދަނގުލެއް ނެތި ފާޅުކުރަން ފުރުސަތު ލިބިގެން ދާނެ އެވެ. މިކަމަށް ވަކި ޕާޓީއެއްގެ އެހީތެރި ކަމެއް ބޭނުމެއް ނުވެ އެވެ.

ނޫސްތަކުގެ ފަލަ ސުރުޙީއަށް އެ މައްސަލަ އަންނާނެއެވެ. އަދި ސަރުކާރުގެ ކަންފަތުގައި ޖެހޭނެ އެވެ. އެއްވަނީ ކިހާ މީހުނެއް ކަމެއްވެސް އެނގޭނެއެވެ. ސަރުކާރުގެ ސިޔާސަތާ ރައްޔިތުން ރުހެނީ ކިހާ މިންވަރަކަށް ކަންވެސް އެނގިގެން ދާނެ އެވެ. އޭގެ އިތުރުން، މަޤްސަދާއި ނިޔަތަކީ ސަރުކާރު ވެއްޓުން ނޫން އެނގޭނެ އެވެ.

މުޒާހަރާގެ މަޤްސަދަކީ އިޚްލާޞްތެރި މަޤްސަދެއްކަން އެނގިބަޔާންވާނެއެވެ. މުޒާހަރާ ފަނިކޮށްލާ ހަމަނުޖެހުން ހިންގަން އަންނަ މީހުންނަށް އެ ފުރުސަތު ލިބިގެނެއް ނުދާނެ އެވެ.

މަގުތަކުގައި މުޒާހަރާ ކުރުމުން ފެންނަ ހިތި މަންޒަރުތަކެއް ނުފެންނާނެ އެވެ. ހަމަނުޖެހުންތައް ހިނގާ ފުލުހުންނާ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލާކަށް ނުޖެހޭނެއެވެ. އަދި އަވަށްޓެރި ގެތަކުގެ ކުޑަ ކުދިންނަށް ސިޔާސީ މި ހަލަބޮލިކަމުގެ ހިޔަންޏެއް ނޭޅޭނެ އެވެ. އަދި އަވަށްޓެރި ގެތަކަށް އެއްވެސް އުދަނގުލެއް ނުފޯރާނެ އެވެ. މަގުތަކުގެ ހައްޤު މަގަތަކަށް ދެވުނީއެވެ. ވިޔަފާރިވެރިންނަށް އެމީހުންގެ ވިޔަފާރި ބަންދުކުރާކަށް ނުޖެހޭނެއެވެ. ފަތުރުވެރިކަމަށް ކުރާނެ ނުބައި އަސަރެއް ނޯންނާނެ އެވެ.

ފަހުގެ ދިވެހި ތާރީޚުގައި ވަނީ މިފަދަ ރިވެތި އެތަކެއް މުޒާހަރާތަކެއް ބޭއްވިފަ އެވެ. އެގޭތެރޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމާ ދެކޮޅަށް ކުރި މުޒާހަރާއާއި އިޒްރޭލާއި ދެކޮޅަށް ކުރި މުޒާހަރާއާއި އިސްލާމީ ޝަރީޢަތް ޤާއިމުކުރުމަށް ކުރި މުޒާހަރާ ފާހަގަކޮށްލެވެ އެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެ މުޒާހަރާތަކުގެ މަޤްސަދު ހާސިލެއް ނުވެ އެވެ.

އަޅުގަނޑު ދަންނަވާނީ އެ މުޒާހަރާތަކުގެ ނަތީޖާ ރަނގަޅު ކަމަށެވެ. އެ މުޒާހަރާތަކުން ސަރުކާރުގެ އެފަދަ ސިޔާސަތުތަކަށް ޢާންމުންގެ ގިނަ ބަޔަކު ނުރުހޭކަން ފާޅުވެގެން ހިނގައްޖެ އެވެ.

އެހެންވީމާ، ވަޤުތުން ވަޤުތަށް ކަންތައް ހައްލުވާނެ ކަމަށް ހީކުރުމަކީ ގޯހެކެވެ. އަދި ކަންތައް ހައްލުކުރުމަށް އިޖްތިމާޢީ ފޭރާމާއި ދީނީ ރިވެތި އަދަބުތައް ޤުރުބާން ވިޔަދީގެން ވެސް ނުވާނެ އެވެ. ހައްލު ނުވެއްޖެ ނަމަ، ސަރުކާރު ބަދަލުކޮށްލުމުގެ ފުރުސަތު އަންނާނެ އެވެ. އެއީ ރިޔާސީ އިންތިހާބުންނެވެ. ރައްޔިތުންނަށް ސަރުކާރުގެ ދޯދިޔާ ސިޔާސަތުތައް ބަޔާންކޮށް ދެވޭނެ އެވެ.

އެހެންކަމުން، މުޒަހާރާއެއް ކުރިޔަސް އިޖްތިމާޢީ ގޮތުންނާއި ދީނީ ގޮތުން އެންމެ އެކަށީގެންވާ ގޮތެއްގެ މަތިން ކުރުމަކީ ކޮންމެ ބަޔަކުވެސް ދަސްކުރަންވެއްޖެ ކަމެކެވެ. އެހެން ނޫނީ، މަޤްސަދު ހާސިލްނުވެ ކަންތައް އިތުރަށް ގޯހުން ގޯހަށް ދިޔުމަކީ ނުވެނުދާނެ ކަމެކެވެ.

ނޯޓް: މިއީ ޝައިހް ޝަފީޢު ޢަބްދުއްﷲ އޭނަގެ އަމިއްލަ ވެބްސައިޓްގައި މެއި 7، 2011 ގައި ޝާއިއުކުރެއްވި ލިޔުމެކެވެ.