މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގެ ޕޭމަންޓްއިން ފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށްހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން އުފައްދާ 'ޕޭމަންޓް މޯލްޑިވްސް'ގެ ލޯގޯ ފަރުމާކުރުމަށް މުބާރާތަކަށް ހުޅުވާލައިފި އެވެ.
އެމްއެމްއޭ އިން އާންމުންނަށް ހުޅުވާލައިފައިވާ މި މުބާރާތުގައި ޕޭމަންޓް މޯލްޑިވްސް ކުންފުނީގެ ތަސައްވުރު އެއިން ދައްކައިދޭ އަސްލު އަދި އުފެއްދުންތެރި ލޯގޯ ޑިޒައިންތައް ހުށަހެޅުމަށް އެދިފަ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މި ލޯގޯ އިން ހިދުމަތް ލިބިގަންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، ވިޔަފާރިތައް ކުރިއެރުވުމާއި، އަދި ރާއްޖެ ޑިޖިޓަލް އިގްތިސާދަކަށް ބަދަލުވުމުގެ ތަސައްވުރު ފެންނަންވާނެ ކަމަށެވެ.
މުބާރާތުން އެއްވަނަ ލިބޭ ފަރާތަކަށް 30،000ރ. ފައިސާގެ އިނާމެއް ލިބޭނެއެވެ. އަދި ހޮވޭ ލޯގޯ އަކީ ޕޭމަންޓް މޯލްޑިވްސްގެ ރަސްމީ ކޯޕަރޭޓް އައިޑެންޓިޓީ އަށް ވެގެންދާނެއެވެ.
ޑިޒައިންތައް ހުށަހަޅަންވާނީ އޮކްޓޯބަރު 16 ވާ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. ބައިވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައި ކުރިއާލާ ރަޖިސްޓަރީ ކުރަންވާނެއެވެ.
ހުށަހެޅޭ ޑިޒައިންތައް ވަޒަންކުރާނީ އެމްއެމްއޭ އިން ހޮވާލާ ފަޑިޔާރުންގެ ޓީމަކުންނެވެ. އަދި ވީހާވެސް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި ކޮންމެ ހުށަހެޅުމެއް ވެސް ފަޑިޔާރުންނާ ހަމައަށް ދާނީ ހުށަހެޅި ފަރާތަކީ ކާކުކަން ހާމަނުވާނެ ގޮތަށެވެ.