ގިނަ ބަޔަކު މިހާރު އަންނައުނު ގަންނަ މަޝްހޫރު އޮންލައިން ފިހާރަ، ޝެއިންގެ ދާއިމީ އައުޓްލެޓެއް ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުޅުވަން ނިންމައިފި އެވެ.
އެ އައުޓްލެޓް ވާނީ ޝެއިން ހުޅުވާ މިފަދަ ފުރަތަމަ އައުޓްލެޓަށެވެ.
މިކަމާ ގުޅޭ ގޮތުން ޗައިނާގެ ޝެއިން އިން ބުނީ ފެޝަނުގެ ދުނިޔެ އަށް ބަލާ އިރު ފްރާންސަކީ އައުޓްލެޓެއް ހުޅުވަން އެންމެ އެކަށިގެންވާ ތަން ކަމަށެވެ. އެހެންވެ މިއީ ދެވަނަ ވިސްނުމަކަށް ވެސް ދާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށް ބުންޏެވެ.
"ފެޝަނަނަށް ބަލާ އިރު ފްރާންސަކީ ވަރަށް ނުފޫޒު ގަދަ މާކެޓެއް،" ޝެއިން ބުންޏެވެ. "އެހެންވެ އަހަރެމެންގެ އައުޓްލެޓެއް ޕެރިހުގައި ހުޅުވުން ވެގެން ދާނީ ޝެއިން އަށް ލޯބިކުރާ ގިނަ ބަޔަކަށް ލިބޭ ވަރަށް ބޮޑު އުފަލަކަށް. އަދި މީގެ ސަބަބުން ފްރާންސްގައި ދުއިސައްތައެއްހާ ވަޒީފާގެ ފުރުސަތު ހުޅުވިގެން ދާނެ."
ޝެއިން ޕެރިހުގައި ދާއިމީ އައުޓްލެޓެއް ހުޅުވަން ތައްޔާރުވަމުން އަންނަ އިރު، އެތަނާއި ސްޕެއިންގެ މެޑްރިޑްގައި ކުރިން ޝެއިންގެ ވަގުތީ "ޕޮޕަޕް" ސްޓޯރްތަކެއް ހުޅުވާފައިވެ އެވެ.
ދެހާސް އަށެއްގައި ވުޖޫދަށް އައި ޝެއިން ފާހަގަކޮށް ލެވެނީ އަގުހެޔޮކޮށް ހެދުން ގަންނަން ލިބޭ ތަނެއްގެ ގޮތުގަ އެވެ. އެ ކުންފުނިން 150 އަށް ވުރެ ގިނަ ގައުމުތަކަށް ޝިޕްކޮށް ދެ އެވެ.