އިދިކޮޅު އެމްޑީޕީން މާދަމާ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއާ ގުޅިގެން ފުލުހުންނާއި ސިފައިންގެ އިސްވެރިންގެ ކުއްލި ބައްދަލުވުމެއް ބާއްވައިފި އެވެ.
އެ ބައްދަލުވުމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޑިފެންސް މިނިސްޓަރު، ޣައްސާން މައުމޫންގެ އިތުރުން ފުލުހުންނާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ބައްދަލުވުމުގައި މާދަމާ މުޒާހަރާގެ ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އެމްޑީޕީން "ލޫޓުވައިފި" ނަމުގައި މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
އެ މުޒާހަރާގައި ކުށްކުރާ ގްރޫޕްތައް ނެރެގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ ފުލުހުންގެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.