Last Updated: July 5, 11:45
Sunday, July 5, 2026
ޚަބަރު

އެމްއެމްޕީއާރުސީ ހިޔާނާތް: 123 މިލިއަން ހޯދަން އަންގައިފި

އޭސީސީގެ ރައީސް އާދަމް ޝާމިލް - ފޮޓޯ: ދިޔަރެސް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް 123 މިލިއަން ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުން އަންނަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި މިވަގުތު 37 ތަހުގީގު ހިންގަމުންދާ އިރު، 161 މައްސަލަ އޮތީ ތަޙުޤީޤުކޮށްނިންމައި ގޮތް ނިންމުމުގެ މަރުޙަލާގައި ކަމަށެވެ. އަދި 15 މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"އެމްއެމްފީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، މިހާތަނަށް 123،732662.00 (ސަތޭކަ ތޭވީސް މިލިއަން ހަތްސަތޭކަ ތިރީސްދެހާސް ހަސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) އަނބުރާ ހޯދުމަށް ކޮމިޝަނުން ކަމާ ގުޅުންހުރި ފަރާތްތަކަށް ވާނީ އަންގައިފައެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.

އޭސީސީން ބުނީ ކޮމިޝަނުގެ ތަހުގީގުތަކުގައި އަމަލުކުރަނީ ގާނޫނު އަސާސީއާއި، ކޮމިޝަނުގެ ގާނޫނާއި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި ހަމަތަކުގެ މަތިންކަން ޔަގީންކޮށްދޭ ކަމަށެވެ.

އެ ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ، އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއްނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ ގާނޫނީ ހަމަތަކުގެ މަތީން، ކޮމިޝަނުގެ ފަންނީ ގާބިލުކަން ތަންދޭ އެންމެ ބޮޑަށްކަން ފާހަގަކޮށް، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި، ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ގާބިލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަހުގީގުތައް އަވަސްކޮށް ފިޔަވަޅު އަޅަމުންގެންދާނެކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް އޭސީސީން ބުންޏެވެ.