Last Updated: July 5, 11:45
Sunday, July 5, 2026
ޚަބަރު

ކުންފުނިތަކަށް ދޭންޖެހޭ ފައިސާ 5 ހަފްތާތެރޭ ދެނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

ސަރުކާރުން ވިޔަފާރިތަކަށް ދައްކަންޖެހޭ ބިލުތަކަށް ކުރިއަށް އޮތް ފަސް ހަފުތާގެ ތެރޭ ފައިސާ ދައްކައި ނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ ކުރިއަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ.

އަދި ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިޤްތިޞާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މިއީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ރައީސް ވިދާޅުވި އެވެ.

އަމިއްލަ ވިޔަފާރިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭތީ އެތައް ވިޔަފާރިއެއް ހުއްޓުމަކާ ހަމައަށް ގޮސްފައިވާ ކަމަށް ބުނެ ބައެއް ވިޔަފާރިވެރިން ސޯޝަލް މީޑިއާގައި މީގެކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.