ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމަށް ސަރުކާރުން ދޭންޖެހޭ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.
ރައީސް މުއިއްޒު މިކަމުގެ ޔަޤީންކަން ދެއްވީ ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމާއެކު މިއަދު ހަވީރު ސިޓްރަން ރެސްޓޯރަންޓްގައި ބޭއްވި ޚާއްޞަ ސައިފޮދެއްގައި ބައިވެރިވެވަޑައިގެން، ޓީމުގެ ކުޅުންތެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފުޓުބޯޅައަކީ ހުރިހާ ދިވެހިން އަދި ޚުދު އެމަނިކުފާނުވެސް އެންމެ ޝައުޤުވެރިވެވަޑައިގަންނަވާ އަދި ބައްލަވާހިތްވާ ކުޅިވަރު ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ފުޓުބޯޅަ ކުރިއެރުވުމަށް ބޭނުންވާ ކޮންމެ ކަމެއްގައި، ކުޅުންތެރިންނަށް ވެސް އެހީތެރިކަން ސަރުކާރުން ލިބޭނެ ކަމަށެވެ. އަދި ކުޅިވަރު ކުރިއެރުވުމުގައި ރާއްޖޭގެ ފުޓުބޯޅައަށް ޚާއްޞަ އަހައްމިޔަތުކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އެގޮތުން މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ފުޓުބޯޅަ ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކައްތަކާއި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުޅިވަރާއި ހަށިހެޔޮކަމަށް ބޭނުންވާ ވަޞީލަތާއި ބިނާރު ތަރައްޤީކުރެއްވުމަށް ކުރައްވާ މަސައްކަތްތައް ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވަނީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް، ސައުތު އޭޝިއަން ސުޕާ ކަޕް 2025، ކާމިޔާބުކުރިކަން ފާހަގަކުރައްވައި ކުރިއަށްއޮތް ތަނުގައިވެސް ރާއްޖެއަށް ރީތި ނަން ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި ޤައުމީ ޓީމު ކުރަމުން އަންނަ މަސައްކަތަށް ހިތްވަރުދެއްވައި، އަބަދުވެސް ޤައުމީ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.