އެމްޑީޕީގެ ވެރިކަމުގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގައި ހިންގާފައިވާ 200 މިލިއަން ރުފިޔާގެ ހިޔާނާތުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
އެޗްޑީސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި، ހިދުމަތުން، 200 ވަރަށް މިލިއަން ރުފިޔާގެ ހިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މި ކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށް އެޗްޑީސީން ބުންޏެވެ.
މި ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވައްކަން ކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާ ގޮތަށް ކޯޕަރޭޝަނުގެ ބިންތައް ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ހިމެނޭ ކަމަށް ބުންޏެވެ. އަދި ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާތުތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.
އެޗްޑީސީން ވަނީ މި ކަންކަން ތަހުގީގުކޮށް ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، އެ ކޯޕަރޭޝަނުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށްވެސް ބުނެފަ އެވެ.