މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަ މި ސަރުކާރަށް ނުބެލޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީ ފަދަ މައްސަލަތައް މި ސަރުކާރަށް ނުބެލޭނެ ކަމަށާއި އެ ކަންކަމުގައި ބޮޑުކޮށް އޮތީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ ވާހަކަ ކަމަށެވެ.
"ދެން ކިހިނެއްތޯ އެއިން މައްސަލައެއް ބަލާނީ؟ އެކަމެއް ނުވާނެ އިނގޭތޯ. ފުލުހުންނަށް ވެސް ނުވާނެ، އައްބާސް ޝަރީފަކަށް (ޕީޖީ) ވެސް ނުވާނެ، ދެން ތިބި ބަޔަކަށް ވެސް ނުވާނެ،" ޔާމީން ވިދާޅުވި އެވެ.
ޔާމީންގެ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުކަމާއި ނައިބު ރައީސްކަން ކުރެއްވި އަހުމަދު އަދީބުގެ ފޯނުގެ ޗެޓުލޮގްތަކެއް ދާދިފަހުން ލީކުވެފައިވާއިރު ޔާމީން ވިދާޅުވީ އޭގައި ހިޔާނާތުގެ ފައިސާ ނަގާފައި ހުރި މީހުން އެބަހުރި ކަމަށާއި އޭގެތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނިވަޑައިގަންނަވާ ކަމަށެވެ.
" ޗެޓްލޮގްތަކުގައި އެބަހުރި މުއިއްޒު ވެސް އަދީބު ކައިރިއަށް ގޮސް މިހާރު ތިމަންނަ މިތާ ހުންނަތާ ގަޑިއަކަށް ވުރެ ގިނައިރު ވީއޭ ލިބޭ އެއްޗެއްގެ އިންތިޒާރުގައި، އެއްޗެއް ނުލިބި ގިނައިރު ވާތީ. އެމްޑީޕީގެ މެމްބަރުން ޕީއެންސީގެ މެމްބަރުން، މި ހުރިހާ އެންމެން އެބަތިބި. އަދި އައްބާސް ޝަރީފު (ޕީޖީ)، އޭރު ހުންނެވީ ހައި ކޯޓުގެ ފަނޑިޔާރަކަށް. އައްބާސް ޝަރީފުގެ މުއާމަލާތްތައް ވެސް އެބަހުރި އޭގައި،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 2023ގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން އަދީބު މިނިވަން ކުރެއްވީ ގޯއްޗެއް ވެސް ދެއްވާފައި ކަމަށެވެ. އަދި ކަންކަން މިގޮތަށް ކުރެއްވުމަށް ފަހު ވާހަކަ ނުދައްކައި މަޑުމަޑުން ތިބުން މާ ރަނގަޅު ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
"އަނެއްކާ މުއިއްޒު ވެސް އެ ވިދާޅުވަނީ އޭސީސީގައި މައްސަލަތައް ބަލަމުން ގެންދާށޭ، ބާރަށް ދާށޭ. މި ބޭބޭފުޅުންގެ މައްސަލައޭ އެތާ ހުރީ. މިހާރު ބޮޑުންނަށް ތިބި އެންމެންނާ، މަޖިލީހުގައި ތިބި މީހުން ނޫން ބަޔަކު ނެތޭ އަދީބުގެ ޗެޓްލޮގުގައި،" ޔާމީން ވިދާޅުވި އެވެ.
ރައީސް މުއިއްޒު މާ އަޑުހަރުކޮށް ވާހަކައެއް ވިދާޅުވެއްޖެ ނަމަ، އެކަމެއް ނުކުރައްވާނެ ކަމަށާއި މި ސަރުކާރަށް ދެ އަހަރުތެރޭ މިކަމުގައި އެޅުނު ފިޔަވަޅެއް ވެސް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި މި މައްސަލަ ބަލަން ބޭނުން ނަމަ އަނެއްކާވެސް އަދީބު އަނބުރާ ރާއްޖެ ގެންނަންޖެހޭ ކަމަށާއި ފައިސާ ނެގި މީހުން އޭރުން އަދީބު ކިޔައިދެއްވާނެ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.