އަންނަ އަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބާއްވާ ވޯލްޑް ކަޕްގައި ބޭނުންކުރާނެ ބޯޅަ އެޑިޑާސް އިން ދައްކާލައިފި އެވެ.
މި ބޯޅައަށް އެޑިޑާސް އިން ދީފައިވާ ނަމަކީ "ޓްރިއޮންޑާ" އެވެ. މި ބޯޅައިން މުބާރާތް ބާއްވާ ތިން ގައުމުގެ ކުލަތައް ވެސް ރަމްޒުކޮށްދެ އެވެ.
އެންމެފަހުން ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ބޭނުންކުރި ބޯޅައެކޭ އެއް ފަދައިން މި ބޯޅައިގައި ވެސް ކަނެކްޓަޑް ބޯލް ޓެކްނޮލޮޖީ ބޭނުންކޮށްފައިވެ އެވެ. އެގޮތުން މި ބޯޅައިގައި ވާ ޓެކްނޮލޮޖީގެ ސަބަބުން މެޗު ކުޅެމުން ދާ ވަގުތު، ބޯޅައިގެ ހުރިހާ މޫވްމަންޓެއްގެ މައުލޫމާތު ވަގުތުން ނަގައިގަނެ، އެ މައުލޫމާތު ވީއޭއާރު ސިސްޓަމަށް ފޯރުކޮށްދޭނެ އެވެ.
މީގެ ސަބަބުން ވީއޭއާރް ނިންމުންތަކާއި އޮފްސައިޑް ފަދަ މުހިއްމު ނިންމުންތައް ރަނގަޅަށް ނިންމުމުގައި އިތުރަށް ބާރަކަށް ވާނެ ކަމަށް އެޑިޑާސްއިން ބުންޏެވެ.
އަންނަ އަހަރުގެ ވޯލްޑް ކަޕްގައި 48 ޓީމަކުން ވާދަކުރާއިރު، ޖުމްލަ 104 މެޗު ކުޅުމަށް ހަމަޖެހިފައިވެ އެވެ. މުބާރާތުގެ މެޗުތައް 16 ސިޓީއެއްގައި ކުޅޭނެ އެވެ.
ވޯލްޑް ކަޕް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ.