Last Updated: July 5, 13:12
Sunday, July 5, 2026
ޚަބަރު

އެކައުންޓްތައް ފްރީޒް ކުރިޔަސް އެމްޑީޕީ ފަހަތަކަށް ނުޖެއްސޭނެ

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

އެމްޑީޕީގެ އެކައުންޓުތައް ފްރީޒްކުރަން މޯލްޑިވިއަން އިން ކޯޓުގައި އެދުނީ ސިޔާސީ ބޭނުމެއްގައި ކަމަށް، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ އެކައުންޓްތައް ފްރީޒްކޮށްކުރަން މޯލްޑިވިއަނުން ސިވިލް ކޯޓުގައި އެދުނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މޯލްޑިވިއަންގައި އެމްޑީޕީން ކުރި ދަތުރުތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ އެވެ.

މިކަމާ ގުޅިގެން "ރާއްޖެޓީވީ"ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ޝާހިދު ވިދާޅުވީ އެމްޑީޕީން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ހުރަސް އެޅުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ކުރަމުންދާ ކަމަށާއި އެކައުންޓްތައް ފްރީޒްކުރަން ކޯޓުގައި އެދުމަކީ ވެސް އެކަމުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

މީގެ ބޭނުމަކީ އެމްޑީޕީގެ ހުރިހާ މަސައްކަތެއް ހުއްޓުވާލުން ކަމަށާއި ނަމަވެސް އެކައުންޓްތައް ފްރީޒް ކުރިޔަސް މިރޭގެ މުޒާހަރާ ކުރިއަށްދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެމްޑީޕީއަށް މޯލްޑިވިއަން އަށް ފައިސާ ނުދެއްކިގެން އުޅެނީ ދައުލަތުން އެ ޕާޓީއަށް ދޭންޖެހޭ ފައިސާ ނުދޭތީ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"ތެޅިފޮޅިގަނެގެން މި އުޅެނީ މިރޭގެ ހަރަކާތާއި ގުޅިގެން. އެކަމަކު ރާއްޖޭގެ ރައްޔިތުން ތިބީ މިކަހަލަ ކަންތައް ގަބޫލުކޮށްގެން ފަހަތަށް ޖެހޭ ގޮތަކަށް ނޫން. އަޅުގަނޑުމެން އަޑު އުފުލާނަން. ސުލްހަވެރި ސިޔާސީ ހަރަކާތް ކުރިއަށް ގެންދާނަން،" ޝާހިދު ވިދާޅުވި އެވެ.

އެމްޑީޕީން "ލޫޓުވައިފި" ނަމުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މުޒާހަރާގައި ކުށްކުރާ ގްރޫޕްތައް ނެރެގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ ފުލުހުންގެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.