މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަންގެ ހާލަތު ބަލަން ކުރިއަށް ގެންދޔަ އިންސްޕެޝަންގެ ތެރޭގައި 1،010 ބަލައިފާސްކޮށް، މިންގަނޑަށް ނުފެތޭ 70 ބަންދުކޮށް، އިންސްޕެކްޝަން ނިންމާލައިފި އެވެ.
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި އިންސްޕެކްޝަން ކުރިއަށް ގެންދިޔައީ މިދިޔަ މަހުގެ 21 އިން މި މަހުގެ 1 އަށެވެ.
އިންސްޕެކްޝަންގައި ކާބޯތަކެތީގެ ޚިދުމަތްދޭ ޖުމްލަ 1،010 ތަނެއްވަނީ ބަލައި ފާސްކޮށްފައިވާ އިރު، އޭގެ ތެރޭގައި އެމްއެފްޑީއޭގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި ހުއްދައިގެ މުއްދަތު ހަމަވެ ހުއްދަ އާނުކޮށް ހިންގަމުން ދިޔަ ތަންތަނުގެ އިތުރުން އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ހިންގަމުންދާ ތަންތަން ވެސް ހިމެނެ އެވެ.
އެހެންވެ ރަޖިސްޓްރީނުކޮށް ގަވައިދާ ޚިލާފަށް ހިންގަމުން ގެންދާތީ އާއި ހުއްދައިގެ މުއްދަތު ހަމަވުމަށްފަހު ހުއްދަ އާނުކޮށް ހިންގަމުން ގެންދާތީ 70 ތަނެއް އިންސްޕެކްޝަންގައި ބަންދުކޮށްފައިވެ އެވެ.
މީގެ ތެރެއިން ހުއްދައައުކުރުމަށާއި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށައަޅާފައިވާތީ، 27 ތަނަކަށް ހުއްދަ ދޫކޮށްފައިވެ އެވެ.
މި އިންސްޕެކްޝަން ކުރިއަށް ގެންދިޔައީ އެމްއެފްޑީއޭ އާއި މާލޭ ސިޓީ ކައުންސިލްގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެންނެވެ.