އައްޑޫ ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ އެތަން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މި ދައުރުގެ ތެރޭގައި ހަންކެޑެ އޮޕަރޭޝަނަށް ގެނައުމަށް ފަހު އެވެ.
ހަންކެޑެ ކުރިން އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން އެ މަޝްރޫއު މި ސަރުކާރުން އެޕްރީލް 15، 2024 ވަނަ ދުވަހުގެ ރޭ ރަސްމީކޮށް، އިފުތިތާހު ކުރުމަށް ފަހު، އަމަލީ އެއްވެސް މަސައްކަތެއް ނުފެށި އޮއްވައި ހަންކެޑެ ހަލާލު ޓޫރިޒަމަށް މިދިޔަ ޖޫން މަހުގެ ތެރޭގައި ހާއްސަކުރި އެވެ.
ނަމަވެސް ރައީސް މުއިއްޒު ބުދަ ދުވަހު ނެރުއްވި ގަރާރަކުން ވަނީ ހަންކެޑެ ތަރައްގީ ކުރަން ހަދާފައި އޮތް އެއްބަސްވުން އުވާލައި، އެތަން އަލް ސްޓޭޓް މޮޑެލް އަށް ތަރައްގީ ކުރަން ނިންމައިފަ އެވެ. ނަމަވެސް މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ އެއްވެސް ތަފުސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
އައްޑޫ ސިޓީގެ ހަންކެޑަ ތަރައްޤީކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުން 28 ސެޕްޓެންބަރު 2025 ގައި ބާޠިލުކުރުމާ އަދި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 25/2025 (1 އޮކްޓޫބަރު 2025)…
— Thoriq Ibrahim (@Thoriqibrahim) October 2, 2025
ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމަށް ތަރައްގީ ކުރަން ކުރިން އެއްބަސްވުން ހަދާފައި އޮތީ ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އެކީގަ އެވެ. އެ ކުންފުންޏާ މި ޕްރޮޖެކްޓް މޯލްޑިވްސް ފަންޑް މެނޭޖްމަންޓު ކޯޕަރޭޝަން (އެމްއެފްއެމްސީ) އިން ހަވާލުކުރީ މިދިޔަ ސަރުކާރުގައި މާޗް 30، 2023 ގަ އެވެ.
ނަމަވެސް އެ އެއްބަސްވުން ބާތިލުކޮށް ހަންކެޑެ މިހާރު ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.
މިހާރު އައްޑޫގައި ހަލާލު ޓޫރިޒަމަށް ތަރައްގީ ކުރަން ހާއްސަކުރި ރަށަކީ ހިއްކައިގެން ހަދާފައިވާ ދޮންހެރަ އެވެ. އެ ރަށް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން މިނިސްޓްރީން އިއްޔެ ވަނީ ބީލަމަށް ލައިފަ އެވެ.